ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސް އިން ރާއްޖޭގެ ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ހަރަކާތެއް އިއްޔެ ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، މި ހަރަކާތް ކުރިއަށް ދާނީ އަންނަ މެއި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ހަރަކާތަކީ ފިތުރު ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ކަނޑުމަގުން ދަތުރުކުރާއިރު، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ގޮތުން މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި މެރިން އެންފޯސްމަންޓް އެންޑް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ހަރަކާތުގެ ތެރެއިން ފެރީގެ ގޮތުގައި ރަށްރަށަށް ދަތުރުކުރާ އުޅަނދުތަކާއި ނޯތު ހާބަރާއި ޓީ ޗެޓީ ސަރަހައްދު ފަޅުގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބަލައި ޗެކް ކުރާނެއެވެ.
މީގެ އިތުރުން ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއި އުޅަނދުތަކުގެ މައުލޫމާތު އެއްކުރުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާނެއެވެ.
މެރިން ޕޮލިސް އިންދަނީ މާލެ ހިމެނޭ ސަރަހަދުގައި ފެރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުތަކާއި ފަޅުގައި އަޅާފައިވާ އުޅަނދުތަކަށް ޒިޔާރަތްކޮށް، ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށްހުރިތޯ ބަލައި ޗެކްކުރުމުގެ ޕްރޮގްރާމުތައް ސިލްސިލާކޮށް ހިންގަމުންނެވެ. މިއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިސް އިން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!