ތުރުކީވިލާތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ މެވްލުތު ޝަވުޝުގްލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، މިދިޔަ އަހަރު އެއީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ފުރުނު އަހަރުކަން ފާހަގަކުރައްވާފައެވެ.
ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވާފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ތުރުކީބިލާތާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ޤައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
މިގޮތުން، ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރުމާއި، ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަން ވަރުގަދަކުރުމާއި، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ޢުމްރާނީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވެސް ނިރުބަވެރިކަން ހުއްޓުވުމަށް މަސައްކަތްކުރުމާއި، އަނިޔާވެރިކަމާއި، ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މި ބައްދަލުވުމުގައި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އަދި ދެޤައުމަށް ވެސް ލާބައާއި މަންފާ ލިބޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 28 މެއި 1979 ގައެވެ.
ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލުމަށްފަހު މިއަދު މެންދުރުފަހު ވަނީ ފުރާވަޑައިގަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!