ކޮޗިން ފެރީއިން، އިންޑިއާ ސިފައިން ހދ. ހަނިމާދޫއަށް ހަތިޔާރު އެތެރެކުރިކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ތުހުމަތު ކުރަށްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ އެ ކޯލިޝަންގެ މާލޭ ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާޢު ވިދާޅުވީ، ދިވެހިންނާ ބައްދަލުވެފައި ވަނީ އަމާން ދުވަސްތަކެއް ނޫން ކަމަށެވެ. މި ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައިފިކަމަށާއި، ވަގުތު އޮތީ ވަރަށް ބޮޑަށް ފާއިތުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ރައްޔިތުން ވަރަށް ބޮޑަށް ފާރުވެރިވާންޖެހޭކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ މި ސަރުކާރުން ކޮޗިން ފެރީ އިސްތިހާރުކުރީ ވަރަށް މޮޅަށް ކަމަށެވެ. އަދި ވަރަށް ގިނަ ކަންތައްތައް ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ވާނެކަމަށް ބުނަމުންދިޔަ ކަމަށެވެ.

ޝުޖާޢު ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ތިން އަތޮޅުގެ މަޖިލިސް މެންބަރުން ރައްޔިތިތުން ގާތު ވިދާޅުވީ، ވަރަށް ބައިވަރު މަންފާކުރުވަނިކަންތައްތައް މި ފެރީން ހިނގާނެ ކަމަށް ކަމަށެވެ. އަދި ކޮޗިން ފެރިން އައުމުން ވަރަށް ހެޔޮއަގުގައި މުދާ ލިބޭނެ ކަމަށާއި، ޕީސީއާރު ޓެސްޓް ހިލޭ ހެދޭނެކަމަށް އެ މެންބަރުން ވިދާޅުވިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެންނެވިން ތީ ރާއްޖެ އަޅުވެތިވުމުގެ ބޮޑު ރަނގަބީލޭ ތިއަންނަނީ ރައްޔިތުން ހޭވެރިވާށޭ، ކޮޗިން ފެރިން ދިވެހި ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް، އެތެރެކުރީ ހަނިމާދޫއަށް ހަތިޔާރު އިންޑިއާ ސިފައިން" ޝުޖާޢު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަނިމާދޫގައި ގާއިމުވެތިބޭ އިންޑިއާ ސިފައިން "އެރަށުން 15 ހާސް ޑޮލަރުން، 32 ހާސް ޑޮލަރުން ގެ ގަތުމަކީ" އޭގައި ނުރައްކާ އޮތް ކަމެއްކަމަށް އެރަށުގެ ރައްޔިތުންނަށް ބުނެދެއްވި ކަމަށާއި، އެކަމަށް ވިސްނުމަށް އެދިވަޑައިގަތް ކަމަށެވެ.

"އެމްޑީޕީ ބޭފުޅުން ވިދާޅުވީ ވަރަށް ރަނގަޅޭ ރަށަށް އާމްދަނީ ލިބެޔޭ، އޭގެ އެއްމަސް ފަހުން ގުޅާފަ ބުނީ ޝުޖާއޭ، ރޭގަނޑު ނައިޓް ކްލަބް ހަދައިގެންނޭ އުޅެނީ މި މީހުން، މިއީ އަޅުގަނޑުމެންނަށް އައި ޝަކުވާއަކީ" ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ، ރައީސް ޔާމީން އިސްވެ ހުންނަވާ ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތަކީ، އިންޑިއާގެ ޓީޗަރުންނާއި، ޑޮކްޓަރުންނާ ދެކޮޅަށް ހިންގާ ހަރަކާތެއް ނޫން ކަމަށެވެ. ނަމަވެސް އެ ބޭފުޅުން އެ ހަރަކާތާ ދެކޮޅުވަންޏާ ކުރާނެ ކަމެއްނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮޗިން ފެރީއާއި، ހަނިމާދޫގައި ގާއިމުވެތިބޭ އިންޑިއާ ސިފައިންނާމެދު ޝުޖާޢު މިފަދަ ތުހުމަތުތަކެއް ކުރެއްވިއިރު، މިވަގުތު ހަނިމާދޫގައި ތިރީހަށް ވުރެ ގިނަ އިންޑިއާ ސިފައިން ތިބިކަމަށް ވެއެވެ. އަދި އޭގެ ތެރެއިން ބައެއް ސިފައިން ދިރިއުޅެމުން ދަނީ އެމީހުންގެ އާއިލާތަކާ އެކުގައެވެ. އެމީހުން ތިބުމަށް ހަނިމާދޫން ބައެއް ގެސްޓްހައުސްތަކާއި، މީހުންގެ ދިރިއުޅޭ ގެތައް ކުށްޔަށް ހިފާފައިވާއިރު، އެރަށުން ޖުމްލަ 7 ވަރަކަށް ތަން ކުއްޔަށް ހިފާފައި ހުންނަ ކަމަށް ވެއެވެ. އަދި އެންމެ އަގުބޮޑުކޮށް ހިފާފައިވާ ތަންތަނުގެ ކުލި 60 ހާހާ ގާތްކުރާ ކަމަށާއި، އަށެއްކަ ހާސް ރުފިޔާއަށް ވެސް ބައެއް ތަންތަން ކުއްޔަށް ހިފާފައިވާކަމަށް އެރަށުބައެއް މީހުން ބުނެއެވެ. ނަމަވެސް އިންޑިއާ ސިފައިން އެ ރަށުން ގެ ގަތުން ފަދަ ކަމެއް ހިންގަން މިހާތަނަށް މަސައްކަތްކޮށްފައިނުވާ ކަމަށް ވެއެވެ.

އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް ސެޕްޓެމްބަރު 21 ވަނަ ދުވަހު ފަށާފައިވާއިރު، އެ ހިދުމަތް ފުރަތަމަ ފެށީ ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު އެވެ. މިގޮތުން ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރީ 26 ސެޕްޓެމްބަރު 2020 ގައެވެ. ފުރަތަމަ ކާގޯ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ރާއްޖެ ގެނައެވެ.

މި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ.

ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުއޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ރާއްޖެއާއި، އިންޑިއާއި ދެ ޤައުމުން ޤަބޫލުކުރެއެވެ. ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި ފެށި މިޚިދުމަތާއެކު، ވިޔަފާރީގެ ގޮތުން އުތުރުގެ ރައްތަކަށް އިތުރު ކުރިއެރުންތަށް ލިބޭނެކަމަށާއި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށާއި، އިންޑިއާ މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓަށް ނެރުމުގެ ފުރުސަތުވެސް ފަސޭހަކަމާއިއެކު ފަހިވެގެންދާނެކަމަށް ދެކޭކަމަށް ސަރުކާރުން ވަނީ މި ހިދުމަތް ފެށިގެން ދިޔައިރު ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުވެސް ހެޔޮވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.