"އުފަލުން" ނަމުގައި ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ފެމިލީ ސޯޝަލް ސަރވިސްގެ ފަރާތުން އެރަށުގައި ގާއިމުކޮށްފައިވާ ށ. އަމާންވެއްޓަށް ތަކެތި ހަދިޔާ ކޮށްފިއެވެ.

ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް، "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ ހަރަކާތުގައި އެކުދިންނަށް ހަދިޔާ ކޮށްފައިވަނީ އަންނައުނު ކަމަށެވެ.

Ad
rt

އެގޮތުން އަންނައުނު ހަދިޔާ ކުރަން ދިއުމުން ގިނަ ކުދިންނާއި ބައްދަލުނުވި ނަމަވެސް ބައްދަލުވި ކުދިންގެ މޫނުމަތިން އުފާވެރިކަން ފެނިފައިވާ ކަމަށް ފަރުޒާނާ ވިދާޅުވިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އެކޮމިޓީއިން ފާހަގަ ކުރައްވާގޮތުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ހާލުގައި ޖެހިފައިވާ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އެގޮތުން "އުފަލުން" ގެ ނަމުގައި އެހީތެރިވުމުގެ ގޮތުން އިތުރު ހަރަކާތްތައް ކުރިއަށް ރޭވިފައިވާ ކަމަށް އެކޮމިޓީއިން ވަނީ ބުނެފައެވެ.

"އުފަލުން" ހަރަކާތާއެކު ފުނަދޫ އަންހެނުން ކޮމެޓީން ފަހިކޮށްދެނީ ޞަދަޤާތެއް ކޮށްލާނެ ރަނގަޅު ފުރުސަތެއް!

މީގެ އިތުރުން މިހަރަކާތް ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބިގެންކަމަށް ފާހަގަ ކުރަައްވާ އެކޮމިޓީއިން ވަނީ ރައްޔިތުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ރަށު ކައުންސިލާއި ސްޓާފުންގެ އިތުރުން ޖެންޑަރ އިން މިކަމަށް ދެއްވި އެއްބާރުލުމަށް އެފަރާތްތަކަށް ވެސް ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.