ކުޅުދުއްފުށީ ސިޓީގެ ޢަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ.
އަފީފުއްދީން ސްކޫލްގެ ކެޑޭޓް ދަރިވަރުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު އޮތީ މިމަހުގެ 22 ވަނަ ދުވަހު ހަވީރު 16:00 ގައި އެ ސްކޫލްގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ގައުމީ ދިފާއީ ބާރުގެ ނޯދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ނާޒިމް އެވެ.
މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަށް އަފީފުއްދީން ސްކޫލްގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ސްކޫލްގެ ފަރާތުން މި ފިލާ ހަވާލުކޮށް ދެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ނާޞިޙާ އިދުރީސްއެވެ.

މި ރަސްމިއްޔާތުގައި އެ ސްކޫލްގެ ކެޑޭޓް ދަރިވަރުން 25 ދަރިވަރަކަށް މަގާމުގެ ކުރިއެރުން ދީފައިވާއިރު، އެދަރިވަރުންކުރެ 3 ދަރިވަރަކު ވަނީ ސްޓާފް ސާޖަންޓް ރޭންކަށް ޕްރޮމޯޓް ވެފައެވެ.
ސާޖަންޓް ރޭންކަށް އެއް ދަރިވަރަކު ޕްރޮމޯޓް ވެފައިވާއިރު، ކޯޕްރަލް ރޭންކަށް 6 ދަރިވަރަކު އަދި ލާންސް ކޯޕްރަލް ރޭންކަށް 5 ދަރިވަރަކު ވަނީ ޕްރޮމޯޓް ވެފައެވެ.
މީގެއިތުރުން ޖޫނިއާ ލާންސް ކޯޕްރަލް ރޭންކަށް 2 ދަރިވަރަކު އަދި ޖޫނިއާ ޕްރައިވެޓް ފަސްޓް ކްލާސް ރޭންކަށް 7 ދަރިވަރަކު ވަނީ ޕްރޮމޯޓް ވެފައެވެ.

މަގާމުގެ ކުރިއެރުން ލިބުނު ދަރިވަރަކުންކުރެ 9 ދަރިވަރަކަށް އަދި ހުވާ ނުކުރެވި ތިބުމުގެ ސަބަބުން، ހުވާ ކުރުމާއެކު ޕްރޮމޯޝަން ދެވިގެންދާނެ ކަމަށް ޢަފީފުއްދީން ސްކޫލުން ވިދާޅުވެެއެވެ.
ސީނިއާ 50 ކެޑޭޓުންނާއި، ޖޫނިއާ 117 ކެޑޭޓުންނާއިއެކު އެ ސްކޫލްގައި މިވަގުތު 167 ކެޑޭޓަކު އެބަތިއްބެވެ. އެ ކެޑޭޓުން ނިސްބަތްވަނީ ތިން ޕްލެޓޫންސްއަކަށެވެ. އެއީ ހިތްވަރު، ބުންވަރު އަދި ފަންވަރު އެވެ.

ޢަފީފުއްދީން ސްކޫލްގައި ކެޑޭޓް ތައާރަފްކޮށް، ފުރަތަމަ ކެޑޭޓުން ހުވާކޮށްފައި ވަނީ 2015 އަހަރެވެ. މިއީ އެ ސްކޫލްގައި ކެޑޭޓް ތައާރަފް ކުރެވުނު ފަހުން ކެޑޭޓް ދަރިވަރުންނަށް މަގާމުގެ ކުރިއެރުން ދެވުނު ދެވަނަ ފަހަރެވެ.
ޢަފީފުއްދީން ސްކޫލަކީ އެ ސްކޫލް ވުޖޫދުވެ، ކުރު މުއްދަތަކުން ފެށިގެން ރަނގަޅު ކާމިޔާބެއް ހޯދަމުންއަންނަ ސްކޫލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!