މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން މަސްވެރިންގެ ފޯރަމެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
އެ މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކ. ގާފަރުގަ އެވެ.
މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި މަސްވެރިކަމުގެ އުޅަނދު ފަހަރަށް އަންނަމުންދާ ބަދަލު ތަކުގެ އިތުރުން 5 ވަނަ ޖެނަރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ މަސައްކަތާއި ގުޅިގެން މަޝްވަރާ ކުރެވިގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެެވެ.
މީގެ އިތުރުން ދިރޭ އެމުގެ މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމުގައި ހުރި މައްސަލަތައް ދެނެގަނެ، މި ސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ "ނޫރާއްޖެ" ޕްރޮގްރާމް ގެ ތަޢާރަފުވެސް މި ފޯރަމް ގެ ތެރެއިން ދެވިގެންދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ފަދަ ފޯރަމްއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި އެ މިނިސްޓްރީއިން ފާހަގަ ކުރައްވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ސީދާ އެސިނާއަތުގެ ހަރަކާތްތެރިވާ ފަރާތްތަކުގެ ކިބައިން ދެނެގަނެ އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމެވެ.
މި ފޯރަމްގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގާފަރުގައި ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!