އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ، މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިއްޖެއެވެ.

މިއީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯސް ގުރޫޕުން އިންތިޒާމްކޮށްގެން ދޭ “އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021″ގައި ދޭ އެވޯޑެކެވެ. މި އެވޯޑު ދިވެއްސަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

Ad
rt

ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގާއި އޭޝިއާ، ޓާޓާ ގުރޫޕް، ޑީއެޗްއެލް، ކެސްޕާސްކީގެ އިތުރުން ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލުކޮށްފައެވެ.

މުޣުނީއަށް މި އެވޯޑު ލިބުނީ ފާއިތުވެދިޔަ ތިން އަހަރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިއާއި އަޅާބަލައި އިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައި ގެންގޮސްފައިވާ ސްޕީޑާ ގުޅިގެންނެވެ. އަދި ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީއެމްޑީއޭ އިން ދޭ “ސީޖީ އެފޯޓްސް އެވޯޑް” ލިބިފައިވުމަކީވެސް މުޣުނީއަށް އެވޯޑް ލިބުނު ސަބަބެކެވެ.

މި އެވޯޑާ ގުޅުވައިގެން މުޣުނީ ވިދާޅުވީ، ރަނގަޅު ލީޑަރަކަށްވެވޭނީ މަސައްކަތުގެ މާހައުލުގައި ތަފާތުދައްކައި ގަދަ ހިތްވަރާއެއްކޮށް މަސައްކަތްކޮށް، އިލްމާއި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދައިގެން ކަމަށެވެ.

“ލީޑަރެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ އެހެން މީހެއްގެ ކިބައިގައި ހުންނަ ގާބިލިއްޔަތުކަން ދެނެގަނެ، އެފަދަ ހާއްސަ ސިފަތައް ބޭނުންކުރަން އެމީހަކަށް ދަސްކޮށްދީ އެދާއިރާއަކުން އެ މީހަކު ބާރުވެރިކުރުވާ މީހާ” މުޣުނީ ވިދާޅުވިއެވެ.

މީގެ ކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ “އެގްޒެމްޕްލަރީ ލީޑާ އޮފް ދަ އިޔާ” އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ “އިމާޖިން ލީޑާ އޮފް ދަ އިޔާ”ގެ އެވޯޑްވެސް ލިބިފައެވެ. އަދި 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ “އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން” ގެ އެވޯޑް ވެސް މުޣުނީގެ މެނޭޖްމަންޓުގެ ދަށުން ސްޓެލްކޯއަށް ވަނީ ލިބިފައެވެ.

މުޣްނީއަށް ގިނަ އެވޯޑުތަކެއް ލިބިފައިވާއިރު، ކުންފުނީގެ ކޯޕަރޭޓް ގަވަނެންސް ރަނގަޅު ކުރުމުގެ ގޮތުން، ދެފުށް ފެންނަ ސިޔާސަތުތަކެއް ކުންފުނީގެ އެތެރޭގައި ގާއިމުކޮށް، ބޯޑު ޑިރެކްޓަރުން ހިމެނޭ ގޮތަށް ކުންފުނީގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި މަސްލަހަތު ފުށޫއަރާފަދަ ކަންކަމުން އެކަހެރިވުމާއި ކުންފުނީގެ އެތެރޭގައި ވިސްލްބްލޯވިން ނިޒާމެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި ކޮވިޑުގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި މުވައްޒަފުންގެ ރައްކާތެރިކަމާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްގުވާމީ މިންގަނޑެއް ކަމުގައިވާ އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރުމާއި ސްމާޓް މީޓަރާއި ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކުންފުނިން ދަނީ ބޭނުން ކުރަމުންނެވެ.

މީގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިން ސޯލާ ޕޮޑް ތައާރަފުކުރުމާއި ގްރީންލައިފް އިނިޝިއޭޓިވް އިފްތިތާހުކޮށް، އޭގެ ދަށުން ކަސްޓަމަރުންނަށް ފަސޭހައިން ސޯލާޕެނަލްސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި މާލެއާއި ހުޅުމާލެއާއި ދެމެދު ބަސްމެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވާރެއާއި އަވިން ރައްކާތެރިވެ ތިބެވޭނެ ގޮތަށް ރާއްޖޭގެ ފުރަތަމަ 100 އިންސައްތަ ސޯލާ ހަކަތަ ބޭނުންކުރާ ބަސް ސްޓޮޕް ހުޅުވުންވެސް ހިމެނެއެވެ.

އަދި ތެލަށް ބަރޯސާވާމިންވަރު ކުޑަ ކުރުމަށް މާލެއާއި ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އެ ބޭނުން ކުރުމާއި ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަމާއެކު، ކޮލިޓީ ޖަނަރޭޓަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ޖަނަރޭޓަރުގެ ސްޕެއާ ގެނެސް “ސްޓެވޯ”ގެ ނަމުގައި ސްޓެލްކޯއިން އަމިއްލަ ބްރޭންޑެއްގެ ޖަނަރޭޓަރު އެސެމްބަލްކޮށް ރާއްޖޭގެ ބާޒާރަށް ނެރުމަކީވެސް މުޣުނީގެ މެނޭޖްމަންޓުގެ ދަށުން މިދިޔަ ތިން އަހަރު ސްޓެލްކޯއިން ހާސިލުކޮށްފައިވާ ކަންކަމެވެ.