ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރުން ކަންބޮޑުވެގެން އުޅެނީ ރައްޔިތަކަށް ސަބްސިޑީއެއް ދޭންޖެހުމުން ކަމަށާއި، ދައުލަތް ފުރާލައި ސިޔާސީ މަގާމުތަކަށް މީހުންލައި، ކިތަންމެ ބޮޑު ޚަރަދެއް ކުރިއަސް އެ ބޭފުޅުންނަށް "އޯކޭ"ކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބް ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝިޔާމް ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުން ރުޅިގަދެވެން އުޅޭ ސަރުކާރެއް މި ނޫނީ ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުން ރައީސް ޔާމީނަށް ތާއިދު ކުރަނީ ކަންތައްތަކެއް ކޮށްދެއްވާފަ ވަޑައިގެންނެވީމާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ. މުއިއްޒަކީ ލާމަރުކަޒީ ނިޒާމް އައިފަހުން މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބުވި މޭޔަރުކަން ފާހަގަ ކުރައްވަމުން، އެ ނަތީޖާ ނުކުތީ ރައީސް ޔާމީންގެ ޒައާމަތުގައި ހައުސިން މިނިސްޓަރުގެ ގޮތުން ޑރ. މުޢިއްޒު މާލޭގެ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާފަ ހުރުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ދެން ރައްޔިތުން ކުއްވެރިކުރައްވަނީ ކީއްވެތޯ މަޖިލިސްގައި، މިއީ 5 އަހަރަށް އައި ސަރުކާރެއް، އަދި ބާކީ 2 އަހަރު އެބައޮތް، ރައްޔިތުން އުންމީދުކުރޭ މި ސަރުކާރުން މާލެއާއި މިސަރުހައްދުގައި އުޅޭ ރައްޔިތުންނަށް ބާކީ މިއޮށް ދެ އަހަރުތެރޭ ގާފޮޅެއް ނަމަވެސް ބަހައްޓައި ދިނުމަށް" ޝިޔާމް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އެކަންތައްތައް ނުކޮށްދީ އަދިވެސް ކުރީ ސަރުކާރުން ނައްޓައިނުލެވިގެން، އަދިވެސް ރައީސް ޔާމީން ގައިން ނައްޓާ ނުލެވިގެން މި މީހުންނަށް މިއުޅެނީ ކީއްވެގެންތޯ،" ޝިޔާމް އިތުރަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުން މަޖިލީހަށް މެންބަރުން އިންތިޚާބުކުރީ އެ ރައްޔިތުންގެ ޙައްޤުތައް ހޯދައި ދިނުމަށް ކަމަށެވެ.

"ބަލަ ދައުލަތަކަށް ރައްޔިތަކަށް ސަބްސިޑީއެއް ދޭންވީމަ ބޮޑުވަނީ، އެކަމަކު ސިޔާސީ މަގާމުތައް ފުރާލާފަ މުޅި ދައުލަތުގެ ފައިސާއިން ޚަރަދު ކުރިއަސް ހަމަ އޯކޭ މިބޭފުޅުންނަށް، އެކަމަކު ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވަން މިތިބީ މިތަނުގައި، ކޯވިޑް ހާލަތުގައި ބޯޑަރުތައް ބަންދުކޮށްފައި އޮވެފައި ހުޅުވާލީމާ އަޅުގަނޑު ކަންބޮޑުވަނީ އެންމެ ކަމަކާ، ރައީސުލްޖުމްހޫރިއްޔާ ދަތުރުކޮށްކޮށް މިދައުލަތުގައި ހުރި ފައިސާކޮޅު ހުސްވެދާނެތީ،" ޝިޔާމް އިތުރަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިހަރު ޑުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް 205 މީހުންގެ ވަފްދެއް ބައިވެރިވާ ކަމަށެވެ.

ރައްޔިތުންގެ ލޯބި ބޭނުންވާނަމަ، ރައްޔުތުންނަށް ފޯރުކޮށްދޭން ވީ ބޯހިޔާކަމާއި، ސިއްހީ ޚިދުމަތާއި، ތައުލީމް ފަދަ ކަންކަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު ހުށަހެޅި މައްސަލާގައި ވިދާޅުވީ ރައްޔިތުންނަށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ހިޔާ މަޝްރުއުގެ ދަށުން ފައިދާވާން އޮތް ނަމަވެސް ނިމިގެން ދިޔަ ސަރުކާރުން އަމަލުކުރީ އެއާ އިދިކޮޅަށް ކަމަށާއި އެ މަޝްރޫއުގައި މަަކަރާއި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށެވެ.

ރައްޔިތުން ދިރިއުޅުމަށް އިމާރާތްކުރާ ތަނެއްގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންކަން ފުރިހަމަ ނުކޮށް ގަސްދުގައި އިހުމާލުވެފައިވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިިވާ ކަމަށްވެސް މައްސަލައިގައިވެ އެވެ.