ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް އަމާޒަކީ ގެސްޓުހައުސް ވިޔަފާރި ކުރިއެރުވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅުގެ ތޮއްޑޫއަށް ވަޑައިގެން ގެސްޓްހައުސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައެވެ.

Ad
rt

ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ އާމްދަނީ އެންމެ ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ލިބޭނީ ގެސްޓްހައުސް ވިޔަފާރިކަމަށެވެ. އެހެންވެ، ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ނަގާ ގްރީން ޓެކުހާ ގުޅޭ ގޮތުން އާއްމުންގެ ކަންބޮޑުވުން ފާހަގަކޮށް ރައީސް ވިދާޅުވީ އެ ޓެކްސް މިހާރު ހަރަދު ކުރަނީ ތިމާވެށީގެ ކަންކަމަށާއި، ފެނާނަރުދަމާގެ މަސައްކަތަށް ކަމަށެވެ. ނަމަވެސް އެ ރަށަކުން ނަގާ ގްރީން ޓެކުހުގެ ބޮޑު އިންސައްތައެއް ހަރަދު ކުރަން ޖެހޭނީ އެ ރަށަކަށް ކަން ގަބޫލުފުޅު ކުރައްްވާ ކަމަށާއި އެގޮތަށް ވިސްނުންފުޅު ބަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގެސްޓްހައުސްގެ އިތުރުން ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.