މާލެއަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ކ. ގާފަރުގައި ހާއްސަ ހަފްލާއެއް ބާއްވާނެ ކަމަށެވެ. އަދި މި ހަފްލާގައި މާލެ އަތޮޅުން ފާހަގަކޮށްލެވޭ ކެޔޮޅުން ހޮވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ފިޝަރީޒް މިނިސްޓްރީން މި އެވޯޑު ދޭނީ މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ކެޔޮޅަށާއި އެންމެ ތަޖުރިބާ ހުރި ކެޔޮޅަށެވެ. ހިދުމަތްތެރި ކެޔޮޅު ހޮވާނީ 35 އަހަރުން ދަށުގެ ކެޔޮޅުންގެ ތެރެއިންނެވެ. އަދި އެންމެ ތަޖުރިބާ ހުރި ކެޔޮޅު ހޮވާނީ 35އަހަރުން މަތީގެ ކެޔޮޅުންގެ ތެރެއިންނެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު، އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.
މި އެވޯޑަށް އަމިއްލަ ގޮތުންނާއި އެހެންފަރާތެއް މެދުވެރިކޮށް ވެސް ނަން ހުށަހެޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!