ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން މޭކަޕް އަދި ހެއަރ ޑްރެސިން ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އެ ކޮމިޓީން މިއަދު އާންމު ކުރެއްވި ގޮތުގައި މި ކޯހަކީ ބައިވެރިންނަށް މުޅިން ހިލޭ ގެންދެވޭނެ ކޯހެއް ކަމަށެވެ.

Ad
rt

މި ކޯހުގައި 2 ވައްތެރެއްގެ ހެއަރ ކަޓްސް އާއި ބުމަ ތްރެޑް ކުރުމާއި ތިއަރީގެ އިތުރުން އަމިއްލައަށް މޭކަޕް ކުރާނެ ގޮތް ދަސްކޮށްދެއެވެ.

އަދި ކޮންމެދުވަހުގެ ދިރިއުޅުމުގައި ކުރާ މޭކަޕާއި ޚާއްސަ ހާލަތްތަކުގައި ބޭނުން ކުރާ މޭކަޕް އަދި ހަންގަޑާއި އެއްކުލައިގެ ފައުންޑޭޝަން ހޯދުމަށްވެސް މި ކޯހުގައި ކިޔަވައިދޭނެއެވެ.

ބްލަޝް ސެލޫން އާއި ގުޅިގެން ކުރިއަށް ގެންދާ މި ކޯސް ކުރިއަށް ދާނީ މި މަހުގެ 27،28 އަދި 29 ގައެވެ.

30 ޖާގައިގެ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9684044 މި ނަންބަރާއި ގުޅައިގެން ރަޖިސްޓަރ ކުރެވޭނެެކަމަށް އެ ކޮމިޓީން ވިދާޅުވެ އެވެ.

ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައިވެރިވުމާއެކު މި މަހުގެ 8 ވަނަ ދުވަހު އެ ސިޓީގައި ވަނީ އިސްރަށްވެހިންގެ ހަވީރެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެ ކޮމެޓީއާއި ދިވެހި ރެޑްކްރެސެންޓް ހދ. ބްރާންޗާއި އަދި ކުޅުދުއްފުށީ ޔޫތު ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ މިހަވީރުގައި ތަފާތު ކުޅިވަރުތަކުގެ އިތުރުން ލޭގެ ޕްރެޝަރ ބެލުމާއި، ހަކުރު ބަލީގެ މީހުން ޓެސްޓް ކުރުން ކުރިއަށް ގެންގޮސްފައި ވެއެވެ.