އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް، 4000 އެނދުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވެއްޖެއެވެ.

މި މަސައްކަތް ކުރުމަށް ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު މިއަދުވަނީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި، އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ޞާދިގެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ ވަހީދެވެ.

Ad
rt

މި 4000 އެނދުގެ މަސައްކަތް މި އަހަރު ފެށުމަށް ނިންމާފައިވާއިރު، އައްޑޫ ސިޓީ އިން ފަތުރުވެރިކަމަށްޓަކައި ބިން ދޫކުރުމަށް ހަ ސަރަޙައްދެއް ކަނޑައަޅާފައިވާކަމަށް މޭޔަރު މިއަދު ވިދާޅުވިއެވެ. އެހެންނަމަވެސް، ސަރަޙައްދުތައް އެއްކޮށް އެނގިގެންދާނީ މި މަސައްކަތުގެ ކޮންސެޕްޓް ނިމުމުންކަމަށާއި، އެމަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި ސަރުކާރުގެ އަމާޒަކީ އައްޑޫގައި 8000 އެނދު ޤާއިމް ކުރުންކަމަށެވެ. އަދި އޭގެތެރެއިން 4000 އެނދުގެ މަސައްކަތް މި އަހަރު ފެށިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މި 4000 އެނދުގެ ޖާގަ އުފައްދަނީ ގެސްޓް ހައުސްތަކާއި ހޮޓަލްތައް އަޅައިގެންނެވެ.