ތިބާގެ ދަރިފުޅަށް ދެވޭނެ އެންމެބޮޑު އެއް އަނިޔާއަކީ - ރުޅިއައުމެވެ. ހަޅޭއް ލެވުމެވެ. އެއްިޗިހި ކިޔުމެވެ. އެއީ ހާދަހާ ވޭންހުރި ހިތްދަތި އިހްސާސްތަކަކާ ދަރިފުޅު ކުރިމަތިކުރުވާ ތަޖުރިބާއެކެވެ.
މައިން ބަފައިންނާއި މުދައްރިސުންގެ އެންމެބޮޑު އުންމީދަކީ އެމީހުންގެ ދަރިން އެހެންމީހުންގެ ކުރިމަތީގައި އަގުހުރި، މީހުންގެ އިހްތިރާމް ލިބިގެންވާ ބަޔަކަށް ވުމެވެ. އެކަމަށް އެކިމީހުން މަސައްކަތް ކުރަނީ އެކިގޮތަށެވެ.
ބައެއް މީހުން، އެމީހުންގެ އުންމީދުތައް ހާސިލުނުވެދާނެކަމަށް، ނުވަތަ އެކަމުގެ ސަބަބުން ތިމާމެން އަގުވެއްޓި ލަދުގަންނަން ޖެހިދާނެކަމަށް އިހްސާސް ކުރެވުމުން، އެކުދިން ދެކެ ވާ ލޯބި ބަަލުވަނީ ނަފްރަތަށެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ކުދިން ދެކެ ރުޅިއައިސް، ހަޅޭއްލަވާ، އެއްޗިހިކިޔާ، އެކުދިން ނިކަމެތިކޮށްލާ އަގުވައްޓާލުމަށް މަސައްކަތް ފަށައެވެ. އެއީ ނޭނގިނަމަވެސް، ބަދަލު ހިފުމުގެ ނިޔަތުގައި ކުރެވޭ ކަމެކެވެ.
ދަރިންނަކީ ކާމިޔާބު މޮޅު ކުދިންނަށް ވާން އުންމީދުކުރާނަމަ، އެކުދިންނަށް ފުރުސަތުދޭށެވެ. ޖާގަ ދޭށެވެ. އަޅާލުމާއި ލޯތްބާއިއެކު ހިތްވަރުދީ، އަމިއްލަ ނަފްސަށް އިތުބާރު އުފައްދާށެވވެ.
އަމިއްލަ ނަފްސަށް އިތުބާރު އުފެދުމަށް އެންމެ މުހިންމު އެއްކަމަކީ، ޖެހިލުންވުމެއް ނެތި ކަންކަމާއި ކުރިމަތިލުމުގެ ހިތްވަރެވެ. ފެއިލްވެދާނެތީ ކަންބޮޑުވެ ހާސްވާން ނުޖެހުމެވެ. ވެއްޓިއްޖެނަމަ، ތެދުވާން ހިފާނެ އަތެއް - ހިތްހެޔޮކަމާއެކު ދިއްކޮށްލާނެ މީހުން ތިބޭނެ ކަމުގެ ޔަގީންކަމެވެ.
ރުޅި ނާންނަމާ ހިނގާށެވެ. އޭގެ ނަތީޖާ ހިތިވާނެއެވެ. އެއްޗިހި ކިޔާ ހަޅޭއްލެވުމުން ކުރާނެ ފައިދާއެއް ނެތެވެ. ލިބޭނީ ގެއްލުމެކެވެ. ތިމާއަށް ވެސް، ކުއްޖާއަށް ވެސް މެއެވެ.
އަމިއްލަ ނަފްސަށް އިތުބާރު ކުރެވުމަކީ ކޮންމެ ކުއްޖަކަށް ވެސް ލިބުން މުހިންމު ހައްގެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!