އަންނަ މަހުގެ 3 ވަނަ ދުވަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާން ކުރަނާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިހެން ވިދާޅުވީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، އަންނަ އަންގާރަ ދުވަހުގެރޭ ބާއްވާ ފަތުރުވެރިކަމުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް ޢިއުލާންކުރައްވާނެކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން މިރަށްތަކުގެ އެންވަޔަރަމަންޓް އެސެސްމެންޓާއި ސޯޝިއަލް އިކޮނޮމިކް އިންޕެކްޓް މިހާރު ބަލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޯޕަން ބިޑް ޕްރޮސެސްގައި ދެފުށް ފެންނަފަދަ ގޮތަކަށް މިރަށްތައް ފަތުރުވެރިކަމަށް ދޫކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށާއި މީގެތެރޭގައި ހދ.އަތޮޅުގެ ރަށްތައް ހިމެނޭކަމުގެ އިޝާރާތެއް މިނިސްޓަރ ވަނީ ދެއްވާފައިއެވެ.

އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެންމެ އިންތިޒާރުކުރާ ދުވަސްކަމަށް އަޅުގަނޑުމެން ދެކެނީ. ޙާއްސަކޮށް ހދ. އަތޮޅުގެ މެންބަރުން ފެނުނީމަވެސް މިހާރު ވަރަށް ބޮޑަށް އެބޭފުޅުންގެ މޫނަށް ބަލާލެވޭ. ވަރަށް ގިނަ ދުވަހު އިންތިޒާރުކުރި މެންބަރުން އެބަތިބި. ފަތުރުވެރިކަމުގެ ސީދާ ނަފާ އެހިސާބުތަކަށް ދިއުމަށް. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުން އެކުރާ އުންމީދުތަކަށް ސީދާ ޖަވާބު ލިބިގެންދާނެ. އައު ސަރުކާރުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އެރޭ އަޅުގަނޑުމެންނަށް ހާމަކުރެވޭވަރުވާނެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 47 އަހަރު ފުރުން ފާހަގަކުރަމުންދާއިރު މުޅި ރާއްޖެއަށް ފަތުރުވެރިކަން ފެތުރި 47114 އެނދު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާއިރު ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވެފައި ނެތުމަކީ ހދ އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެކެވެ. މިކަމަށް ހައްލެއް ހޯދުމަށް އެ ހދ އަތޮޅު ރައްޔިތުން އެތައް ގޮތަކަށް މިކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

މިއަދު ރާއްޖޭގައި ހިންގަނީ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިސޯރޓް އަދި 10 ޓޫރިސްޓް ހޮޓަލެވެ. މި ތަންތަނުގައި 47114 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަޤުބޫލު މަރުކާއެކެވެ.