ކޯވިޑްގެ ހާލަތުގެ ވަރަށް ބޮޑަށް ގޯސްވެފައި ވަނީ ހދ. ނޮޅިވަރަމަށް ބޭނުންވާ ސިއްހީ އެހީތެރިކަން މިއަދުން މިއަދަށް ފޯރުކޮށް ނުދެއްވިޖެނަމަ އެރަށަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްނަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި، އެ މައްސަލާގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ.
ބޭސް ލިބުމުގައި ނޮޅިވަރަމް ދަތިކަން ހުރިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އެރަށުގައި ބޭނުންކުރާ އެންބިއުލާންސްގެ ބަދަލުގައި މިއަދު ބަލި މީހުން އުފުލ؛ަން ބޭނުން ކުރަމުން ދަނީ ދެ ޓަނުގެ ޕިކަޕެއް ކަމަށެވެ.
"އަޅުގަނޑު މިއަދުން މިއަދަށް، މިހާރުން މިހާރަށް ސަރުކާރަށް ގޮވާލަން، ހެލްތު މިނިސްޓަރަށް ވެސް ގޮވާލަން، މާލެއިން ކޮންމެ ގޮތެއް ހަދާފައި ވިޔަސް، ކޮޅުވެއްޓިޔަކަށް އެންބިއުލާންސެއް އަރުވައިގެން ވިޔަސް، ނޮޅިވަރަމަށް އެންބިއުލާންސަކާއި ޞިއްޙީ ދާއިރާގެ ކަމާ ގުޅުންހުރި މީހުން ފޮނުވައިގެން ނޮޅިވަރަމަށް މިހާރަށް ވުރެ އަޅާލުން ބޮޑު ގޮތެއްގައި، ރައްޔިތުންނާ ކައިރިން ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ގޮތަކަށް
ކަންތައްތައް ބައްޓަންކުރުމަށް." މޮސްޓާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނޮޅިވަރަމަށް އޮތީ އަރައިފައިބަން އުނދަގޫ ހާލަތެއްގައި ކަމަށެވެ.
"މާލެއިން މިއަދުން މިއަދަށް ބަޔަކު ފޮނުވައިގެން ވިޔަސް، އެ ރަށުގައި ތިބި ބަލިމީހުންނާއި، އެ ރަށަށް މިއަށްވުރެ އިތުރު ފަރުވާޔާއި އިތުރު ސާމާނުތައް ނުގެންގޮއްސި ކަމަށް ވެއްޖެއްޔާ، ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ ފަދަ ހާލަތެއްގައި ނޮޅިވަރަމް އެ އޮތީ." މޮސްޓާ އިތުރަށް ވިދާޅުވިއެވެ.
މި ކަމަށް އަވަސް ޙައްލެއް ހޯދައިދެވޭނެ ގޮތަކަށް މިއަދުގެ ސަރުކާރާއި، ޚާއްޞަކޮށް ހެލްތު މިނިސްޓްރީން އެއްބާރުލުން ދިނުމަށް މޮސްޓާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ނޮޅިވަރަމްގެ ހާލަތާމެދު މޮސްޓާ ކަންބޮޑުވުން ފާޅުކުރެއްވިއިރު، އޭނާ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ނޮޅިވަރަމް ދާއިރާއަށް އަދި ޚާއްސަކޮށް ނޮޅިވަރަމަށް ބޭނުންވާ ކާބޯތަކެއްޗާއި، ސިއްޙީ ދާއިރާއަށް ބޭނުންވާނެ އެންމެހައި ތަކެތި ހޯދައިދީ، އަދި ސިއްޙީދާއިރާގެ ޤާބިލް ފަރާތްތައް ވީހާވެސް އަވަހަށް އެރަށްރަށަށް ފޮނުވައިދުނުމަށް އެ މައްސަލާގައި ސަރުކާރަށް ގޮވާލައިފާވެއެވެ. އަދި މިފަދަ ހާލަތެއްގައި އެ ދާއިރާގެ ދެ ރަށް އޮތްއިރު، ސިއްޙީ ދާއިރާއިން ލިބިދޭންޖެހޭ އެހީތެރިކަން ވީހާ އަވަހަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އެ މައްސަލާގައި ގޮވާލައިފާ ވެއެވެ.
ކޯވިޑްގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމުން އިއްޔެގެ ނިޔަލަށް އެރަށުން 202 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!