ރާއްޖޭގައި އިސްލާމް މާއްދާ ކިގަވައިދޭން ބޭނުންކުރަމުން އަންނަ އިސްލާމް ފޮތްތަކުގައި ހަރުކަށި ފިކުރަށް ބާރުދޭ ފަދަ ވާހަކަތަކެއް ހުރި ކަމަށް ލާދީނީ ފިކުރާ އެއްގޮތަށް ވާހަކަ ފަތުރާ ބަޔަކު ބުނެގެން ސިޔާސީ މަގްސަދެއްގައި އެ ފޮތަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.
އިސްލާމް ފޮތްތަކުގައި ހަރުކަށި ފިކުރަށް ބާރުދޭ ވާހަކަތަކެއް ހުރި ކަމަށާއި، ފޮތް ބަދަލުކުރުމުގެ ވާހަކަތައް ފެންމަތިވެފައިވަތީ އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިސްލާމް މުޤައްރަރަކީ ވޭތުވެދިޔަ ދިގު މާޒީގައި ވަރަށް ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ފަންނީ އެތައް މާހިރުންނެއްގެ މިންނެތް މަސައްކަތާއި ހަރުދަނާ ޕޮލިސީތަކެއްގެ ތެރެއިން އެކުލަވާލާފައިވާ މުހިއްމު މުޤައްރަރެއް ކަމަށެވެ. އަދި އެ މުޤައްރަރަށް ހެދިފައިވާ އިސްލާމް ފޮތްތަކަކީ މާތް ﷲ ބާވައިލައްވާފައިވާ އިސްލާމް ދީނުގެ އަޞްލުތަކާއި އަސާސްތައް ވަށައިޖެހޭނޭ ފަދައަކުން ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ ޢިލްމު އަށަގެންނުވޭ ފަދަ ވައްޓަފާޅިއަކަށް އެކުލަވާލެވިފައިވާ ޢިލްމީ ގޮތުން ހަރުދަނާ ފޮތްތަކެއް ކަމަށެވެ.
އެހެނިހެން މުޤައްރަރުތަކާއި އެ މުޤައްރަރުތަކަށް ހެދިފައި ހުންނަ ފޮތްތަކެކޭ އެއްފަދައިން، ޒަމާނަށް އަންނަ ބަދަލުތަކާއި ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށް އަންނަ ތަރައްޤީއާ އެއްގޮތަށް އެ މާއްދާތައް ކިޔަވައި ދިނުމުގައި ވެސް ގެންނަން ޖެހޭ އެކިއެކި އިންސާނީ ފަންނީ ކުރިއެރުންތައް ގެނައުމުގެ މަޖާލު ރާއްޖޭގެ އިސްލާމް މުޤައްރަރަށް އިސްލާމް ފޮތްތައް އެކުލަވާލެވި، ކިޔަވައި ދިނުމުގައި ވެސް ހުޅުވިފައި އޮންނަން ޖެހޭކަމީ ދެބަސްވުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
އެހެން ނަމަވެސް، އިސްލާމް ދީނާ ދެކޮޅު ލާދީނީ ރިޕޯޓު ނެރެފައިވާ އެމް.ޑީ.އެން އާއި އެފަދަ ލާދީނީ ޖަމާޢަތްތަކާއި އެފަރާތްތަކަށް ވާގިދޭ ސިޔާސީ މަދު ފަރުދުންތަކެއް، މިރާއްޖޭގެ އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކުގައި ހަރުކަށިކަމަށާއި ޙައްދު ފަހަނައެޅުމަށް ބާރުދޭ ފަދަ ފިލާވަޅުތައް ހުރިކަމަށް ބުނެ ދައްކާ އަޞްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، ދިވެހި ދަރިންނަށް އިސްލާމް ދީން އުނގަންނައިދޭން ހެދިފައިވާ މުޤައްރަރާއި ކިޔަވައި ދެވޭ ފޮތްތަކަށް ބަދަލު ގެނައުމަކީ ކުރެވިގެންވާނެ ކަމެއްނޫން ކަމަށް ބަޔާނުގައިވެއެވެ.
އިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައި އިތުރަށް ބުނީ ހަރުކަށިކަމާއި ނަފުރަތު އުފެއްދުމުގެ ތުހުމަތު ތަކުރާރު ކުރަން ފެށުމާ އެކު، ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުގެ ޢިލްމީ ދިރާސާއާއި ބަޙުޘްތަކާ ބެހޭ ކޮމިޓީގެ ފަރާތުން ވަނީ، ރާއްޖޭގައި ގްރޭޑު 1 އިން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައި ދެމުން ގެންދާ ހުރިހާ އިސްލާމް ފޮތްތަކެއް އެއްކޮޅުން އަނެއްކޮޅަށް ބަލައި ޢިލްމީ ދިރާސާއެއް ކުރަން ފަށާފައި ކަމަށެވެ. މިހާރު ވަނީ، އެ ޢިލްމީ ދިރާސާ ޢާންމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ފަހު މަރުޙަލާއާ ހަމައަށް ގެނެވިފައި ކަމަށް ވެސް ބުންޏެވެ.
އެ ދިރާސާ ކުރިއަށް ގެންދިއުމުގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން، ސަރުކާރުގެ ރަސްމީ ކަމާބެހޭ ގިނަ މުއައްސަސާތަކާ ބައްދަލު ކުރުމުގެ އިތުރުން، އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތައް އެކުލަވާލެއްވުމުގައި އިސްކޮށް އުޅުއްވި ތަޖުރިބާކާރު ޢިލްމީ އަދި ފަންނީ އެތައް މާހިރުންނަކާއި، ވޭތުވެދިޔަ މާޒީގައި އެތަކެއް ދިވެހި ޖީލެއް ބިނާ ކުރެއްވުމުގައި ގިނަ ޒަމާންތަކެއް ވަންދެން އުޅުއްވި ތަޖުރިބާކާރު އިސްލާމް މުދައްރިސުންނާއި، ލެކްޗަރަރއިންނާއި، މުޅި ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައި ތިއްބެ ތަޢްލީމީ ދާއިރާގެ ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންގެ ޚިޔާލުތައް ވެސް ހޯދައި ހިމަނާފައިވާ ކަމަށް ބުނެފައިވެއެވެ.
މިހުރިހާ ފަރާތްތަކާ އެކު ބޭއްވުނު ބައްދަލުވުންތަކާއި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވެމުން ދާ މި ޢިލްމީ ރިޕޯޓުން އެނގި ކަށަވަރުވެ ފައިޞަލާ ކުރެވިފައިވާ ޚުލާޞާ ނަތީޖާއަށް ބަލާއިރު އިސްލާމް ފޮތްތަކުގައި އެފަދަ ހަރުކަށި ވާހަކަތަކެއް ނެތް ކަން ހާމަވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން ދިރާސާއިން އެނގިފައިވާ ބައެއް ކަންކަމަކީ:
1- ރާއްޖޭގައި މިހާރު މިއޮތް އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކަކީ އެފަދަ ބޮޑު މަޝްރޫޢެއް ހިންގުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން އޭގެ އެންމެ މަތީ ފެންވަރުގައި ހޯއްދަވައިގެން ތިއްބެވި ޢިލްމީ ފަންނުވެރި ބޭފުޅުން އެކަށައަޅުއްވާފައިވާ މުޤައްރަރެއް ކަމާއި ފޮތްތަކެއް ކަމެވެ.
2- އަދި، އެ މުޤައްރަރާއި ފޮތްތަކުގެ ބައިތައް އެކުލަވާލާފައިވާ ގޮތަށް ބަލާއިރު އޭގައި އެއްވެސް ބާވަތެއްގެ ހަރުކަށި ކަމެއް ނުވަތަ ޙައްދު ފަހަނަ އެޅުމަކަށް ބާރު ލިބޭ ފަދަ އެއްވެސް މަޢުލޫމާތެއް ހިމަނާފައި ނުވާކަމެވެ.
3- އަދި، އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އިންތަކުން ބޭރުން، މީސްތަކުންނާ މެދުގައި ނަފުރަތު އުފެދޭ ފަދަ އެއްވެސް މަޢުލޫމާތެއް ވެސް މިހާރު މިއޮތް އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކުގައި ހިމަނާފައި ނުވާކަމެވެ.
އެހެންވެ މިހާރު ކިޔަވައި ދެމުން ގެންދާ އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކަށް ނިސްބަތްކޮށް ދެކެވޭ ހަރުކަށިކަމާއި ޙައްދު ފަހަނަ އެޅުމާއި ނަފުރަތު ފަތުރާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އޭގައި އެއްވެސް މިންވަރެއްގެ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގެ ޔަޤީންކަން އެންމެހާ ދިވެހި ރައްޔިތުންނަށާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އަރުވާ ކަމަށް ބަޔާނުގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!