ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއްނަމަވެސް އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ހަވީރު ތ. އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ 3 އަހަރުގެ ކުރިން އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެ ދަތުރުފުޅުގައި ރައްޔިތުންނާއި ކައުންސިލުން އެންމެބޮޑަށް ބޭނުންވީ ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވަޢުދާ އެއްގޮތަށް މިއަދު އެކަމަށް ހައްލެއް ލިބިގެންދިއުމަކީ ވަރަށްބޮޑު އުފާވެރިކަމެއް ގެނެސްދޭ ކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އޮމަދޫގެ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގެ އަގަކީ 32,217,980.66 ރުފިޔާއެވެ. މި ބަނދަރާއެކު އޮޑިއެހެލާ ސަރަހެއްދެއްވެސް މި ޕްރެޖެކްޓުގެ ދަށުން ހަދާފައިވެއެވެ.
އޮމަދޫގެ ރައްޔިތުން އެދުނު އަނެއްކަމަކީ ކަރަންޓްގެ ޚިދުމަތް ރަނގަޅުކޮށްދިނުމަށް ކަމަށާއި މިހާރު ފެނަކައިގެ ފަރާތުން އެރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް، އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކޮށް އަދި ރަށުގައި އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ގުޅައިދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޮމަދޫގެ ފެނާ ނަރުދަމާ ނިޒާމާއި ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ރައީސް ފެއްޓެވީ އިއްޔެއެވެ. އެ މަނިކުފާނު ފުރަތަމަ ވަޑައިގަތީ ތިމަރަފުއްޓަށެވެ. މިއަދު އޮމަދޫއަށް ޒިޔާރަތް ކުރެއްވީ ކިނބިދޫއަށް ޒިޔާރަތް ކުރެއްވުމަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!