އުސޫލުތަކާ ޚިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާއި އެކު އިސްޕެކްޝަންތަކެއް ފެށުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް އެކުލަވާލާފައިވާ އުސޫލުތައް ގާއިމުކޮށްފައިވާ މަޤުޞަދު ހާސިލުކުރުމަށް ޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި 18 އޮގަސްޓުން 2021 ފެށިގެން އިސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރިން 26ޖުލައި 2021 އިން ފެށިގެން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ WHOއިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަށް ދަތުރުކުރާ ތާރީޚަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށާއި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ %60 އަށް މަތިވެފައިވާނަމަ ކަމަށް އެއެޖެންސީން މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ.
މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި މި އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސާރވިސް، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި އެޗްޕީއޭ ގުޅިގެންނެވެ.
އިންސްޕެކްޝަންތަކާގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7264574 އަށެއެވެ. މި ނަމްބަރަށް ގުޅޭނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެދުނު 00:9 ން ހަވީރު 00:6 އަށެވެ.
އިންސްޕެކްޝަންއާއި ގުޅިގެން ޝަކުވާ ހުށައެޅުއްވުމަށް ބޭނުންފުޅުވާނަމަ mv.gov.health@heoc.inspection އަށް މެއިލް ކުރެއްވުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!