ހަމައެކަނި ހުސް ވައުދުތަކެއްވުމުގެ ބަދަލުގައި، ބައިނަލްއަޤުވާމީ މުޖުތަމައިން، އަދި ވަކީން ޚާއްޞަކޮށް އދ. އިން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދޭން ޖެހޭކަމަށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބް އުރުދުޢާން ވިދާޅުވެއްޖެއެވެ.
އދ.ގެ 74 ވަނަ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން، އުރުދުޣާން މިހެން ވިދާޅުވިއިރު، 1947 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ވުޖޫދުގައި ނެތް ޤައުމެއް، ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތަކަށް އަރައިގަންނަމުންދާތީ، އެކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިޒްރާއިލުގެ ބޯޑަރަކީ ކޮބައިކަންވެސް ނޭނގޭކަމުގައެވެ. އެއީ، 1947 ވަނަ އަހަރުގެ ބޯޑަރުތޯ ނޫނީ 1967 ވަނަ އަހަރުގެ ބޯޑަރުތޯވެސް ތުރުކީގެ ރައީސް ސުވާލު ކުރެއްވިއެވެ. ހަމައެހެންމެ، މިހާރު އެހެން ބޯޑަރެއްވެސް ފެންނަކަމަށް ވިދާޅުވިއެވެ. އުރުދުޣާން ތަގުރީރު ކުރެއްވީ، އެކަމަށް ބާރުދޭ އެތައް ކުރެހުންތަކާއި ޑައިގްރާމްތައްވެސް ހިއްޕަވައިގެން ހުންނަވައެވެ.
Where are the borders of the State of #Israel? – #Turkey’s #Erdogan to #UNGA pic.twitter.com/JVmkre4bJj
— RT (@RT_com) September 24, 2019
ހަމައެހެންމެ، އިޒްރާއިލުގެ އެކި ސަރަޙައްދުތައް އެމެރިކާއިން ބަލައިގަންނަމުން ގޮސްފައިވާ ގޮތާމެދުވެސް އުރުދުޢާންވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މީގެއިތުރުން، އިޒްރާއިލުން މިހާރުވެސް ފަލަސްތީނުގެ ބިންކޮޅު ފޭރެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ، އެކަމާ ދެކޮޅަށް އދ. އިން ފިޔަވަޅު އެޅުމަށްވަނީ ގޮވާލައްވާފައެވެ.
އުރުދުޣާން ދެއްކެވި މި ވާހަކަފުޅަށް، އިސްލާމީ ޤައުމުތަކެއްގެ އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. އަދި ހަގީގީ އިސްލާމީ ލީޑަރަކީ އެމަނިކުފާނުކަމަށްވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!