ރާއްޖޭގެ އުތުރުން ފެށިގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، އޮރެންޖު އިންޒާރު ދީފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އޮރެންޖު އިންޒާރު ދީފައި ވަނި ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ސަރަހައްދު ތަކަށެވެ.
މި އިންޒާރުގެ ވަގުތަކީ ހަވީރު 17:00 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ކުރިން އޮތީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިރޭ 19:00 އާއި ހަމައަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ އޮރެންޖު އިންޒާރުގެ މެސެޖުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި މެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި މި ސަރަޙައްދުތަކަށް އުދަ އެރުން ވެސް އެކަށީގެން ވާ ކަމަށް އެ އިދާރާއިން ލަފާކުރަށްވައެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.
މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް ހުރިހާ ބޭފެޅުން ސަމާލުވެ ލައްވާ! https://t.co/U3KAgUAtjd
— NDMA Maldives (@NDMAmv) July 9, 2021
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ މިއަދު އިލްތިމާސް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!