ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މެމްބަރެއް ކަމަށާއި، އެމީހާ ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ މައްސަލާގައި ޕާޓީން ނެރުނު ބަޔާނުގައި އެޕާޓީން ވަނީ އިންޒާރުދިން މައްސަލާގައި އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރުކޮށްފައެވެ. އެ މައްސަލާގައި ފުލުހުން މިހަރު އުމުރުން 42 އަހަރުގެ މުޙައްމަދު އިނާދު ހައްޔަރުކޮށްފައިވާއިރު އެމްޑީޕީން ބުނީ ފުލުހުންގެ ތަހުގީގަށް ބަލައި އެމީހާ ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

Ad
rt

ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ އެޕާޓީ އިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށެވެ. އެފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، އަދި މީހުންނަށާއި، މުދަލާ ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ އެފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަމުން، މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ، އަދި ހިއްވަރުދޭ ފަރާތްތަކާއިމެދު އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގާ، ކުށްވެރީންނަށް ހައްގު އަދަބު ދިނުމަށް ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާފައިވެސް ވެއެވެ.

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރުދީ ކުރި ޓުވީޓާއި ގުޅިގެން އޭނާގެ ޓުވިޓަރ އެކައުންޓު ސަސްޕެންޑުކޮށްފައިވާއިރު، ހައިކޮމިޝަނުން ރައްކާތެރިކަމަށް އެދިގެން ސަފައިން ވަނީ އެތަނުގެ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައެވެ.

މީގެ އިތުރަށް ސޯޝަލްމީޑިއާއާއި މެއިންސްޓްރީމް މީޑިއާތަކުގައި ރާއްޖޭގައި ތިއްބަވާ ސަފީރުންނާއި އެމްބަސީތަކަށް ނުރައްކާކުރުމާ އެމީހުންނާއި ގުޅޭގޮތުން ބޭއަދަބީ ވާހަކަތައް ފަތުރަމުންދާތީ އެކަންކަން ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.