އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން މިނިސްޓްރީ އޮފް ފިނޭންސްއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަދި މިނިސްޓްރީ އޮފްހެލްތުގެ ފަރާތުން މިނިސްޓަރު އަޙްމަދު ނަސީމު ސޮއި ކުރެއްވި އިރު އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއް ކަމަށާއި، ބައެއް ރަށްތަކުގައިއެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ނަސީމް އިތުރަށް ފާހަގަކުރެއްވިގޮތުގައި މި އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެސް، އަތޮޅުތެރޭގައި ދޭ ހިދުމަތް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއިއެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!