މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާ ޕޮޒިޓިވްވި ދުވަހު ޑޮކްޓަރަށް ދައްކަން އެދުމުންވެސް އެކަމަށް އިޖާބަ ދީފައިނުވާކަން ހެލްތު މިނިސްޓްރީން އެ މަރު ތަހުގީގުކޮށް ނެރުނު ރިވިއު ރިޕޯޓުން ހާމަވެއްޖެ އެވެ.

މިރިޕޯޓުގައި ބުނެފައިވަނީ މިޝްކާ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުން އެހުމުން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވާކަމަށެވެ. މިކަން ކޮންޓެކްޓް ޓްރޭސިންގ ޓީމުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ޝީޓުގައި ރެކޯޑްކޮށްފައިވާކަމަށާއި ނަމަވެސް، އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

Ad
rt

މީގެ އިތުރުން މިރިޕޯޓުގައި ފާހަގަ ކޮށްފައިވާ އިޙްމާލުތަކުގެ ތެރޭގައި، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، މަޢުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މަޢުލޫމާތެއް އައުޓްބްރޭކް (އޯބީ) ސިސްޓަމަށް އަޅަންޖެހޭކަމަށް ބުނެފައިވާއިރު މި މަޢުލޫމާތު ސިސްޓަމަށް އަޕްޑޭޓްކޮށްފައެއްނުވެއެވެ. އެޗްޕީއޭގެ އުސޫލުތައް ހަމަޖެހިފައިވާގޮތުން، ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް، މިކްލަސްޓަރއިންވެސް މި ދެ ދުވަހުގެ ތެރޭގައި ފާތިމަތު މިޝްކާ މުޙައްމަދުގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

މިހާދިސާއާ ގުޅިގެން ދެވަނަ ފަހަރަށް މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިހާތަނަށް ކުރެވެމުންދާ ކަންކަން އެރިވިއުގައި ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މިކަމުގައި އިޙްމާލުވި އެއްވެސް ފަރާތެއްގެ ނަމެއް އަދި މަގާމެއް ހިއްސާކޮށްފަ އެއްނުވެއެވެ.

މިއަދު ހެލްތު މިނިސްޓްރީއިން މިރިވިއު ނެރެފައިވަނީ ނޫސްބަޔާނެއްގަ އެވެ. މި ރިވިއުއިން ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކޮށް، މިކަމާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެ މިނިސްޓްރީއިން އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވާކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭގެ އިހުމާލުން އެކަށީގެންވާ ފަރުވާނުދެވި އުމުރުުން 10 އަހަރުގެ ކުއްޖަކު މަރުވުމާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި މިނިސްޓަރަށްވެސް ވަނީ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައެވެ.

ކޮވިޑް19 މެނޭޖުކުރުމުގައި މިހާތަނަށް ހިނގާފައިވާ އިހުމާލުގެ ސަބަބުން މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމެއް ނުވަތަ ނޫން ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މިކަންތައްތައް ބަލަމުން މި ގެންދަނީ. ބަލާފާ އޭގެ ރިޕޯޓުތަކަށް ބަލާފައި، އޭގާ އަޅުގަނޑުގެ ސީދާ އިހުމާލެއް އުޅޭތޯ ވެސް އަޅުގަނޑު ބަލާނަން، އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭ ކަމެއް އަދި. އެއީ އަޅުގަނޑުގެ އިހުމާލެއް މީގެ ތެރޭގައި އޮތީ ކޮން ހިސާބަކުންތޯ ވެސް އެނގެން ޖެހޭނެ ނޫންތޯ؟"

މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ ކަންތައްތައް ކުރުމަށް މީހުންނާ ހަވާލުކޮށްފައި ނުވާނަމަ އެއީ މިނިސްޓަރުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އަދި ކަންތައްތައް ހިނގާ ގޮތް ބަލައިގެން، ކަމެއް ދިމާވުމުން އެކަމެއް ރަނގަޅު ކުރަން އިސްލާހު ނުގެންނަ ނަމަ އެއީ މިނިސްޓަރުގެ އިހުމާލެއް ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން އެޗްއީއޯސީގެ މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާގޮތަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމަވާފަ އެވެ.