ކޯވިޑް ބަލީގައި މާލޭ ސިޓީގައި ރޭ ނިޔާވި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާގެ ހާލު ގޯސްވެގެން ގުޅުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ދެވުނީ، ޢާއިލާއިން ގުޅިތާ 2 ގަޑިއިރާއި 40 މިނެޓްފަހުން ކަމަށް ޢާއިލާއިން ބުނެފި އެވެ.

ކުޅުދުއްފުށީ ސިޓީގެ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ރޭ ނިޔާވީ، ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އަށް ގެންދިޔަ ފަހުން އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށެވެ.

Ad
rt

އެ ކުއްޖާއަކީ ކޯވިޑަށް ޕޮޒިޓިވްވުމުން ގޭގައި ކަރަންޓީނުގައި ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާގެ މަންމައާއި، ބައްޕަ ވެސް ތިބީ އެ ބަށްޔަށް ޕޮޒިވްވުމުން އެކުއްޖާއާއިއެކު ކަރަންޓީނުގައެވެ.

އެ ކުއްޖާގެ އާއިލާގެ މީހަކު މީސް މީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހުން ހުރިނަމަވެސް އިއްޔެއާއި ހަމައަށް އެކުއްޖާގެ ހާލު ރަނގަޅުކަމަށެވެ. އެކުއްޖާއަށް ނޭވާލާން އުނދަގޫވާން ފެށީ ރޭގައި ކަމަށާއި، އަދި ނޭފަތުން ލޭ އައިކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެކުއްޖާގެ ހާލު ގޯސްވުމުން އާއިލާއިން ރޭ 9 ޖަހާއިރު އެޗްޕީއޭއަށް ގުޅައި އެމްބިއުލާންސް ފޮނުވައިދޭން އެދުނު ކަމަށާއި، ކުއްޖާގެ ހާލަތު ގޯސްވާތީވެ ތަކުރާރުކޮށް އެޗްޕީއޭގެނަމްބަރު 1676އަށް ގުޅައި އެމްބިއުލާންސް ފޮނުވުން އަވަސް ކުރުމަށް ވެސް އެދުނުކަމަށް ވެސް އޭނާ ބުނެފަވެއެވެ.

"އެޗްޕީއޭއިން ތަކުރާރުކޮށް ދެމުން ދިޔައީ އެއް ޖަވާބެއް، ބުނަނީ މެޑިކަލް ޓީމަށް އިންފޯމް ކޮށްފިކަމަށް، އިރުކޮޅެއް ތެރޭގައި ދާނެ ކަމަށް"

އޭނާ ބުނެފަވެއެވެ.

ނަމަވެސް އެމްބިއުލާންސަށް އެކުއްޖާ ބަލައި އާދެވުނީ 11:40ގައި ކަމަށް އޭނާ ބުންޏެވެ. އެއީ އެމްބިއުލާންސް ފޮނުވައި ދިނުމަށް އާއިލާއިން އެދެންފެށިތާ 2 ގަޑިއިރާއި 40 މިނިޓް ފަހެވެ.

އާއިލާއިން އެމްބިއުލާންސްގެ ފޮނުވައި ދިނުމަށް އެޗްޕީއޭއަށް ގުޅައި، އާދޭސް ކުރަމުން ދިޔައިރު އެމީހުންގެ ކުރިމަތީގައި ލޯބިވާ ދަރިފުޅުގެ ވިންދު ދަށްވެ، ހާލަތު ދިޔައީ އިތުރަށް ދަށްވަމުންކަމަށް އޭނާ ބުނެފައިވެއެވެ. އެމްބިއުލާންސް ފޯރިއިރު އެކުއްޖާގެ ހާލުވަނީ ވަރަށް ދެރަވެފައި ކަމަށާއި، ހާލުދެރަވުމުގެ ސަބަބުން އައިޖީއެމްއެޗްއަށް ގެންގޮސް ލީ ވެންޓިލޭޓަރަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެޗްޕީއޭއަށް ތަކުރާރުކޮށް ގުޅާ އެމްބިއުލާންސް އައުން ލަސްވާތީ އައިޖީއެމްއެޗްއަށް ގުޅައި، އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދުނު ކަމަށާއި، ނަމަވެސް އެ މީހުން ކޯވިޑަށް ޕޮޒިޓިވްވަފައިވާތީ ކަމަށް ބުނެ އެމްބިއުލާންސް ފޮނުވަން އައިޖީއެމްއެޗްއިން ދެކޮޅު ހެދިކަމަށް އޭނާ ބުންޏެވެ.

އާއިލާގެ ގާތް މީހަކު "ތިލަދުން"އަށް ބުނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ޢާއިލާއަށް ގުޅައި، މަޢާފަށް އެދުނު ކަމަށެވެ. އަދި މިމައްސަލަ ބަލަނެކަމުގައި ދަންނަވާފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އެމާޖެންސީގައި ފަރުވާ ދެމުން ދަނިކޮށް މެންދަމު 12:10 ހާއިރުއެވެ.