ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކްގެ ކުރީގެ އެކްޓިން ޗީފް ޑރ. ޝާންތާ ދޭވްރާޖަން ހަމަޖައްސައިފިއެވެ.

ޑރ. ޝާންތާ ވަނީ ވޯލްޑް ބޭންކްގެ އެކްޓިން ޗީފްގެ އިތުރުން ސީނިއާ ޑިރެކްޓާ ފޯ ޑިވެލޮޕްމެންޓް އިކޮނޮމިކްސްގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

Ad
rt

އަމީރު ވިދާޅުވީ، ޑރ. ޝާންތާގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަ ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދިކޮވިޑްގެ މި ހާލަތުގައި ކަންކަން ނިންމުމުގައި އޭނާގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ޑރ. ޝާންތާގެ އިރުޝާދާއި ލަފާގެ މަތިން، ކޮވިޑް-19 ގެ ޕެންޑަމިކް ހާލަތުން އަރައިގަނެ، އިގްތިސާދު އަލުން އާރާސްތުކޮށް، އަދި މިފަދަ ކަންކަމުންރައްކާތެރިކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިވާނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ޑރ. ޝާންތާ އަކީ ޖޯޖްޓައުން ޔުނިވަސިޓީގެ ޕްރެކްޓިސް އޮފް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ކުރީގެ ޕްރޮފެސަރެކެވެ. އަދި ވޯލްޑް ބޭންކްގެ މިޑްލް އީސްޓް، ނޯތްއެފްރިކާ އަދި ސައުތު އޭޝިއާ ސަރަހައްދުތަކުގެ ޗީފް އިކޮނޮމިސްޓްގެ މަގާމުގެ އިތުރުން، 2004 ގެ ވޯލްޑް ޑިވެލޮޕްމަންޓް ރިޕޯޓު ތައްޔާރު ކުރުމުގައި ވެސް އޭނާމަސައްކަތް ކުރެއްވިއެވެ.

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީ، ހަވާޑް ޔުނިވާސިޓީގައި ވެސް ޑރ. ޝާންތާ މަސައްކަތް ކުރެއްވިއެވެ.

އޭނާ ޕީއެޗްޑީ ހާސިލު ކުރެއްވީ، އިގްތިސާދީ ދާއިރާ އިން ޔުނިވާސިޓީ އޮފް ކެލިފޯނިއާގައެވެ. އަދި ޕްރިންސްޓަން ޔުނިވާސިޓީން ހިސާބުގެ ރޮނގުން ޑިގްރީ ހާސިލްކުރެއްވިއެވެ.