ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން އދ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރުފަހު 15:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.
އަދި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް ވަނީ މޫސުމާއި ބެހޭ ގައުމީ އިދާރާ އިލްތިމާސްކޮށް ފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!