އިސްލާމީ ދިގު ތާރީޚުގެ ތެރެއިން ފާހަގަ ކުރެވޭ ވަރަށް މުހިންމު ޝަޚުސިއްޔަތެކެވެ. ތިން ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިންގެ ބައްޕައެކެވެ.
ފުރަތަމަ ފިރިހެން ދަރިފުޅަށް ގާތްގަނޑަކަށް ދެއަހަރު ވީތަނާ އެލޯބި ލޯބި ދަރިފުޅު މިދުނިޔެއާ އަލްވަދާޢު ކިޔެވެ. އޭރު އެއީ ކިރުބޯ ކުއްޖެކެވެ. އެންމެ މަޖާ އުމުރެވެ. މަންމައާ ބައްޕައާއެކު ކުޅެހަދާ، ބަސްބަސް ކިޔައި، ކުދިކުދި ޖުމްލަ ހަދައިގެން މަޖާ ވާހަކަތައް ދައްކާ އުމުރެވެ. އެހެންނަމަވެސް އަޖަލު އައިސް ޖެހުމުން ލަސްކުރުމެއް ނުވެއެވެ. މަލަކުލް މަވްތު އެމަލާއިކަތާގެ ވަޒީފާއިގެން އައިސް ކިތަންމެ ބޮޑު މީހަކަސް ނުވަތަ ކުޑަ ކުއްޖަކަސް އެފަރާތެއްގެ ފުރާނަ ހިއްޕަވާނެތެވެ.
އެއަށްފަހު އެތައް ދުވަހެއް ފަހުން މިބައްޕައަށް އަނެއްކާވެސް ފިރިހެން ދަރިއަކު ލިބުނެވެ. އަދި މިފަހަރު ފިރިހެން ކުއްޖަކު ލިބުނު އިރު ﷲގެ ރަޙުމަތްފުޅުން ހަތަރު އަންހެން ކުދިން ވަނީ ލިބިފައެވެ. ނަމަވެސް ފުރަތަމަ ފިރިހެން ދަރިއެކޭ އެއްގޮތަށް ދެވަނަ ފިރިހެން ދަރިފުޅުވެސް ކިރުތުނބުން ނުވީއްލަނީސް ވަރަށް ޅަފަތުގައި ނިޔާވިއެވެ.
މައިންބަފައިންނަކީ އަބަދުވެސް ދަރިންނަށް ހެޔޮ އެދޭ ބައެކެވެ. އެގޮތުން ދަރިން ކައިވެނިކޮށް އަމިއްލަ ދިރިއުޅުމެއް ފަށާދުވަހަށް އެދަރިން ތައްޔާރުކޮށް ތަރުބިއްޔަތު ކުރުމާއެކު ކައިވެނި ކުރާ އުމުރަށް އެޅުމުން ކައިވެންޏެއް ކުރާމަންޒަރު ދެކުމީ ކޮންމެ މަންމައާއި ބައްޕައެއްގެވެސް ހުވަފެނަކަށް ވާނެއެވެ.
ކޮންމެއަކަސް މިހިތްވަރުގަދަ ބައްޕައަށް ލިބުނު ދެ ފިރިހެން ކުދިން ޅަފަތުގައި ނިޔާވި ނަމަވެސް އަންހެން ދަރިންނަށް ދިރިއުޅުމާއިގެން ކުރިއަށް ދިއުމުގެ މަގު ﷲ ތަނަވަސްކޮށްދެއްވައި ޢުމުރު ދަންމަވައި ދެއްވިއެވެ. އެގޮތުން ހަތަރު އަންހެން ކުދިންވެސް މީހުންނާ ކައިވެނިކޮށް އެކުދިންގެ އަމިއްލަ ޒަވާޖީ ޙަޔާތާއިގެން ކުރިއަށް ދިޔައެވެ. އޭގެތެރެއިން އެއްކުއްޖަކު ހެޔޮލަފާ ޞޯލިޙު މީހަކާ ކައިވެނިކޮށް، އެކި ސަބަބު ތަކާހުރެ، އޭނާގެ ފިރިމީހާއާއެކު އެކިރަށްރަށަށް ހިޖުރަކޮށް އުޅުނެވެ. އެގޮތުން ދެރަށަކަށް ހިޖުރަ ކުރިއެވެ. ދުނިޔޭގެ ދުވަސްތައް މިހެން ވެއަތުވަމުންގޮސް އެންމެފަހުން މިކުއްޖާގެވެސް އަޖަލު އައިސް ޖެހުނެވެ. މިބައްޕައަށް ކުރާނެ އަސަރު ތަސައްވަރު ކޮށްލައްވާށެވެ! މިހާތަނަށް ދުނިޔޭގަ ހުއްޓާ ތިން ދަރިން ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އަދި މިދަރިފުޅު ނިޔާވި އިރު، ރަށުން ބޭރުގައި ވުމުގެ ސަބަބުން ދަރިފުޅުގެ ޙަޔާތުގެ އެންމެ ފަހު ވަގުތު ތަކުގައި ދަރިފުޅާއެކު ވުމުންނާއި ދަރިފުޅުގެ ޖަނާޒާގައި ބައިވެރިވުމުންވެސް މަޙުރޫމުވިއެވެ.
އަދި މިކުއްޖާ ނިޔާވުމުގެ މަދު އަހަރުތަކެއް ކުރިން ހަމަ މިފަދަ ހިތާމަވެރި ކަމަކާ ދިމާވިއެވެ. ލޯބިވާ އަނބިމީހާވެސް މިދުނިޔެއާ އަލްވަދާޢުކީއެވެ. މިއާއެކު މިބައްޕައަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސުވިއެވެ. އެހެނީ މިބައްޕަގެ އަނބިމީހާވީ ވަރަށް ޞޯލިޙު އަންބެއް ކަމުގައެވެ. ދިރިއުޅުމުގަ ދިމާވި ކޮންމެ ދަތި ކަމެއްގައިމެ އެންމެ ގާތުގައި ވީ ލޯބިވާ އަނބިމީހާ އަބަދަށް ވަކިވީއެވެ. ނުތަނަވަސްވާ ވަގުތު ތަކުގައި ހިތަށް ފިނިކަން ލިއްބައިދިނުމަށް އަނބިމީހާ ކޮށްދިން އަގުހުރި މަސައްކަތްތަކަކީ ދުވަހަކުވެސް ހަނދާން ނެތޭނޭ ކަންތައްތަކެއް ނޫނެވެ.
މިހާތަނަށް އައިއިރު މާތް ﷲގެ މިހިތްވަރުގަދަ އަޅުގެ އަނބިމީހާގެ އިތުރުން ދެފިރިހެން ކުދިންނާއި އަންހެންކުއްޖެއް ވަނީ ނިޔާވެފައެވެ. މާތް ﷲގެ ޤަޟާ ޤަދަރަށް އީމާންވުމުގެ ލާމަސީލު މިޘާލެއް ދުނިޔެއަށް ދައްކަވަމުންދާ ޙާލު، ކުރިމަތިވާ މިމުޞީބާތްތަކުގެ ސަބަބުން މިބައްޕަގެ އީމާންކަމަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. އެހެންކަމުން އަނެއްކާވެސް ދިރިއުޅުމާއިގެން ކުރިއަށް ދިޔައެވެ. އަދި ބާކީ ތިބި ތިން އަންހެންކުދިންވެސް އެކުދިންގެ ދިރިއުޅުމާއިގެން ކުރިއަށް ދިޔައެވެ.
އަންހެން ދަރިއަކު ނިޔާވިފަހުން ހަވަނައަށްވީ އަހަރު މިބައްޕަގެ ދޮށީ އަންހެންދަރިއަށް އަނެއްކާވެސް ދުނިޔޭގެ ޙަޤީޤަތްތަކުގެ ތެރެއިން އެކުއްޖާގެ ކޮއްކޮމެންނާ ބައްދަލުކުރި ޙަޤީޤަތާ ބައްދަލުކުރަން ޖެހުނެވެ. އޭނާގެ އަޖަލު ޖެހި ދުނިޔެއާ އަލްވަދާޢު ކިޔަން ޖެހުނީއެވެ. އަދި އޭގެ އަނެއް އަހަރު، ބާކީ ތިބި ދެ އަންހެން ކުދިންގެ ތެރެއިން ކުއްޖެއް ނިޔާވިއެވެ.
މިފަރާތަށް ﷲ ކުރިމަތި ކުރައްވާ އިމްތިހާނު ތަކުގެ ބޮޑުކަމާއެވެ! ލޯބިވާ މީހަކު ތިމާގެ ކުރިމަތީގައި މަރުވެ، އެފުރާނަނެތް ހަށިގަނޑު ކަށްވަޅަށް ތިރިކޮށް، އެހަށިގަނޑުގެ މައްޗަށް ވެލިއަޅައި، ވަޅުލާ ވަގުތަކީ ކިތަންމެ ހިތްވަރުގަދަ މީހަކަށްވެސް ވަރަށް ބޮޑަށް އަސަރު ކުރާނޭ ވަޤުތު ތަކެކެވެ. މި ހިތްވަރުގަދަ ފަހުލަވާނު ވަނީ މިހާތަނަށް، އޭނާގެ އަނބިމީހާގެ އިތުރުން އޭނާގެ ހަތަރު ކުދިން ވަޅުލާފައެވެ. އަދި ރަށުގައި ނެތުމުގެ ސަބަބުން ނިޔާވި ދަރިންގެ ތެރެއިން އެއްކުއްޖަކު ވަޅުލުމުންވެސް މިބައްޕަ މަޙުރޫމުވިއެވެ. ދެ ފިރިހެން ކުދިންނާއި ހަތަރު އަންހެންކުދިން ލިބި، ޖުމްލަ ހަކުދިން ލިބުނު ނަމަވެސް މިހާރު ބާކީ ހުރީ އެންމެ އަންހެކުއްޖެކެވެ.
ނަމަވެސް ދުނިޔެ ހިނގަނީ ތޮށަލިދުޅައަށޭ މީހުން ކިޔާ އަޑު އަހަމު ނޫންތޯއެވެ. ހިތާމަވެރި ދުވަސްތަކަކަށްފަހު އަނެއްކާވެސް އުފާވެރި ޚަބަރެއް ލިބުނެވެ. ކުދިންތަކެއް ގެއްލިގެން ދިއުމަށްފަހު، އަނެއްކާވެސް ފިރިހެން ދަރިއެއް ﷲ ދެއްވައިފިއެވެ. ފާއިތުވި ތަނުގައި ލިބުނު ފިރިހެން ދަރިން ޅަފަތުގައި ނިޔާވުމާއެކު ފިރިހެން ކުއްޖެއް ނުލިބި އެތައް އަހަރުތަކެއް ވެއަތުވުމަށްފަހު އަނެއްކާވެސް ފިރިހިންކުއްޖެއް ލިބުމާއެކު، މިދަރިފުޅު ދެކެ އެކުއްޖާގެ ބައްޕަ އިންތިހާއަށް ލޯބިވިއެވެ.
ދަރިފުޅާއެކު ވަގުތުތައް ހޭދަކުރަންފެށިއެވެ. ކުޅުމާ ސަކަރާތުގައެވެ. ހީ، ސަމާސާ ކުރުމުގައެވެ. ނަމަވެސް މިފަދައިން ދަރިފުޅާއެކު ހީ، ސަމާކޮށް ކުޅެހަދަން ލިބުނީ މަދު ދުވަސްކޮޅެކެވެ. ކުއްޖާގެ އުމުރުން ދޮޅުއަހަރަށް އެޅިތަނާ މިލޯބިލޯބި ފުށްގަނޑުވެސް ނިޔާވީއެވެ. ކުރިމަތިމިވި މުޞީބާތުގެ ވަރުގަދަކަމާއި ހިތާމައިގެ ބޮޑުކަމުން މިބައްޕައަށް ރޮވެންފެށިއެވެ. އެންމެފަހުން މިދަރިފުޅުވެސް ހިނަވާ، ކަފުން ކުރުމަށްފަހު ވަޅުލެވުނެވެ.
ބާކީ ހުރީ އެންމެ އަންހެން ކުއްޖެކެވެ. މިކުއްޖާއަކީ މިބައްޕަގެ އަންހެން ކުދިންތަކުގެ ތެރެއިން އެންމެ ހަނގު ދަރިއެވެ. ބައްޕަ ދެކެ ނުހަނު ލޯބިވާ ކުއްޖެކެވެ. ބައްޕަގެ އެހެން ދަރިންނާ ޚިލާފަށް މިކުއްޖާ ނިޔާވީ އޭނާގެ ބައްޕަ ނިޔާވި ފަހުންނެވެ. ލިބުނު ހަތް ދަރިންގެ ތެރެއިން ހަކުދިން މިބައްޕަގެ ޙަޔާތުގައި ނިޔާވެ، އަދި އެހަތް ކުދިންގެ ތެރެއިން އެންމެ ކުއްޖެއް ފިޔަވާ އެހެން ހުރިހާ ކުދިންގެ މަންމަވެސް ނިޔާވެ، މިމުޞީބާތްތަކާއި މިނޫންވެސް އެތައް ބައިވަރު ކަންކަމަކުން އިމްތިޙާނު ކުރެނު، މިމީހަކީ ކޮންބޭކަލެއްކަން އެނގިވަޑައިގަންނަވާތޯއެވެ.
އެއީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމެވެ. މިއީ އެކަލޭގެފާނުގެ އާއިލީ ޙަޔާތުގެ ވާހަކައެކެވެ. ގާތްމީހަކު މަރުވާ ކޮންމެފަހަރަކު ހިތްވަރު ގަދަ މީހަކަށް ވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ހިތްވަރުފުޅުގަދަކަމުން ޢިބުރަތް ޙާސިލު ކުރައްވާށެވެ.
އެކަލޭގެފާނުގެ ލޯބިވާ އަނބިކަނބަލުން ޚަދީޖަތުގެފާނުގެ އިތުރުން އެކަލޭގެފާނުގެ ހަ ކުދިންވަނީ އެކަލޭގެފާނުގެ ޙަޔާތުގައި މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އެއާއެކުވެސް އެކަލޭގެފާނުވީ ނުހަނު ސާބިތުކަމާއެކު ﷲ އެކަލޭގެފާނާ ޙަވާލު ކުރެއްވި ނުބުއްވަތުގެ މަތިވެރި ވަޒީފާ އަދާކުރެއްވުމުގައި ނަމޫނާ ދެއްކެވި ބޭކަލެއް ކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!