އިރުދެކުނު އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެއްޖެ އެވެ.

މި ތޫފާނަށް ދީފައިވާ ނަމަކީ "ޓައުޓޭ" އެވެ.

Ad
rt

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވީ، މި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށެވެ.

މިއަދު ފަތިހު 5:00 ގައި ތޫފާން ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއްވަ އެވެ.

ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަހައްދަށް ޖެހެމުންދާ ގަދަ ވަޔާއި ވިއްސާރަ މިރެއިން ފެށިގެން މަޑުވާން ފަށާނެ ކަމަށް އެ އިދާރާއިން ލަފާކުރަށްވަ އެވެ. ނަމަވެސް މިއީ ހުޅަނގު މޫސުންކަމަށް ވުމުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެއެވެ.

ރާއްޖޭގެ އިރުދެކުނު އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑުގެ އަސަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްޔެއިން ފެށިގެން އަންނަނީ ކުރަމުންނެވެ. އެ ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް ގަދަ ވިއްސާރަކޮށް، ބައެއް ރަށްތަކަށް އުދަ އަރާފަ ވެއެވެ. ތިލަދުންމަތީގެ ބައެއް ރަށްތަކަށް އެރި އުދައިގެ ލޮނުގަނޑު ރަށުތެރެއަށް ދެމިގަނެ ބައެއް ގޭތަކަށް ލޮނުވެސް ވަނެވެ.

މި ވިއްސާރައިގެ ގަދަ ވައިގެ ސަބަބުން ބައެއް ރަށުގެ ބައެއް ގޭގޭގެ ފުރާޅުއެއްލާލައި، ދަނޑުތައް ހަލާކުވެ، ގިނަ ޢަދަދެއްގެ ރުއްގަސް ވެސް ވަނީ ބިމާ ހަމަވެފަ އެވެ.

މިވަގުތުވެސް ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ދެމެދުގެ ސަރަހައްދު ތަކަށް އޮތީ ރީނދޫ ސަމާލު ނެރެފަ އެވެ.