ހއ. ހޯރަފުށީގެ އައިސްޕްލާންޓުގެ ފައުންޑޭޝަން އަޅައިދޭނެ ބަޔަކު ހޯދަން މިފްކޯއިން އިއުލާން ކޮށްފިއެވެ.

މިފްކޯއިން ނެރުނު އިއުލާނެއްގައި ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ހޯރަފުށި ކައުންސިލް އިދާރާ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

Ad
rt

މި މަސައްކަތުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ. މު މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ޕްރޮޕޯސަލް އަދި ސުންގަޑީގެ ފަހުންހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެ ކަމަށް މިފްކޯއިން ބުންޏެވެ.

ހޯރަފުށި އައިސް ޕްލާންޓްގެ ބިންގާ އެޅީ މިއަހަރުގެ މާރިޗްމަހުގެ 20 ވަނަ ދުވަހުގެ ރެއެވެ.

މި އައިސްޕްލާންޓްގެ ބިމު ކުލި ރަށުގެ ކައުންސިލަށް ލިބޭގޮތަށް އެއްބަސްވެފައިވާއިރު، އެތަން ހިންގައިގެން ލިބޭ އާމްދަނީގެ ފައިދާގެ 20 އިންސައްތަވެސް އެރަށު ކައުންސިލަށް ދޭގޮތަށް ވަނީ އެއްބަސްވެފަ އެވެ. އަދި އެ އައިސްޕްލާންޓްގެ ސަބަބުން އިތުރު ވަޒީފާގެ ފުރުޞަތުތައް ލިބި، އެރަށުގެ މަސްވެރިންނާއި، ހޯރަފުށީ ބަނދަރު ބޭނުންކުރާ އެހެނިހެން ރަށްރަށުގެ މަސްވެރިންނަށް ވެސް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ހޯރަފުށީގައި އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުއަކީ ޗަންޕާ ބްރަދަރސްއިން ފައިނޭންސް ކުރަން ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެ ކަމަށް މިފްކޯއިން ބުނެފައިވާއިރު، އެ އައިސްޕްލާންޓް ގާއިމުކޮށް ހިންގާނީ ވެސް އެ ކުންފުނިންނެވެ.

ހޯރަފުށީގައި ގާއިމު ކުރަނީ 25 ޓަނުގެ އައިސްޕްލާންޓެކެވެ.