ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައިސް އެކި ގައުމުތައް ފުރަބަނދުްކޮށް ދަތުރުފަތުރުގެ ނިޒާމް ހުއްޓާލާ އަސާސީ އެތައް ޚިދުމަތްތަކެއް މެދުކެނޑުމާއި ގުޅިގެން ދިމާވި ދަތި ހާލަތުގައި ، ދެކުނު އޭޝިއާގެ 228،000 ކުޑަ ކުދިން މިދިޔަ އަަހަރު މަރުވެފައިވާ ކަމަށް އދ. ގެ ރިޕޯޓުތަކުން ދައްކައިފިއެވެ.
ޔުނިސެފްއާ ގުޅިގެން އދ. އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ޕެންޑެމިކްގެ ސަބަބުން ނުސީދާ ގޮތެއްގައި މަރުވި ކުދިންގެ އިތުރުން މި ސަރަހައްދުގައި 11،000 ދަރިން ވަނީ ބައިގެންދިއުުމުން ނުވަތަ މައިމީހާގެ ބަނޑަށް މަރުވެފައެވެ. އަދި 3.5 މިލިއަން މީހުން ވަނީ ތައްޔާރު ނުވަނީސް ބަލިވެއިންދެފަ އެވެ.
އދ. އިން ހޯދި ހޯދުންތަކުން ދައްކާގޮތުގައި، މި އަދަދުތައް މައްޗަށް ގޮސްފައިވަނީ މި ސަރަހައްދުގެ ބައެއް ގައުމުތަކުން ކޮންމެހެންވެސް ދޭން ޖެހޭ ސިއްހީ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ކަމަށެވެ. މި ހިދުމަތް އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ސްރީލަންކާގެ 1.8 ބިލިއަން މީހުންނަށް ނުލިބޭ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މިކަމާއި ގުޅިގެން އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މީގެ ސަބަބުން މި ސަރަހައްދުގެ ފަގީރު އާއިލާތަކަށް ސިއްހީ ގޮތުން އަސަރުކޮށްފައިވާއިރު ލިބެންޖެހޭ ކާނާއަށްވެސް އަސަރު ކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ވީހާވެސް އަވަހަށް އެ ފަރާތްތަކަށް ހިދުމަތްތައް ދޭން ފަށަން އދ. އިން ވަނީ ގޮވާލާފައެވެ.
މި ރިޕޯޓުތައް ދައްކާގޮތުގައި މި ސަރަހައްދުގެ 420 މިލިއަނަށްވުރެ ގިނަ ކުދިންނަށް ވަނީ ކޮވިޑްގެ ސަބަބުން ތައުލީމު ލިބުން ދަތިވެފައެވެ. މީގެ ތެރެއިން ނުވަމިލިއަނެއްހާ ކުދިންނަަށް ސްކޫލްތައް ހުޅުވުމުންވެސް ތައުލީމު ނުލިބޭނެ ކަމުގެ ބިރު އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!