އެކާވީސް ވަނަ ގަރުނުގެ ތެރޭގައި ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ، ނުވަތަ ޙައްލުކުރަންޖެހޭނެ އެންމެ ބޮޑު މައްސަލައަކީ ތިމާވެށީގެ މައްސަލަ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާފައި ދިވެހިރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ފަންޑުކުރުމަށް ނިންމަވާފައިވާ މައްސަލަ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުން ޢަލީ ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް އަދި ކިތަންމެ އުނދަގުލަސް އެ ހަގީގަތް ގަބޫލު ކުރަން ޖެހޭކަމަށެވެ.
''އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެއީ، ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް، ކިތަންމެ އުނދަގުލަސް، އަޅުގަނޑުމެންނަށް މަޖުބޫރުވެފައި މި ވަނީ ގަބޫލުކުރަން، އެ ޙަޤީޤަތަކީ 2021ވަނަ އަހަރު ނުވަތަ 21 ވަނަ ގަރުނުގެ ތެރޭގައި އަޅުގަނޑުމެންނަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ، ނުވަތަ މި ގަރުނުގައި އަޅުގަނޑުމެން ޙައްލުކުރަންޖެހޭނެ އެންމެ ބޮޑު މައްސަލައަކީ، ތިމާވެށީގެ މައްސަލަ، ތިމާވެށްޓާއި ވަޒީފާގެ
މައްސަލަ އަޅުގަނޑު މި ދެ ކަންތައް ފާހަގަކުރަން. އެހެންވީމާ، މިއަދުގައި ހަމަގައިމު ވެސް މި ރިޕޯޓުގައި އެންމެ ބޮޑަށް މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ނިންމުން ނިންމާފައި މި ވަނީ ތިމާވެށްޓާ އަޅުވާފަ. އެހެންނަމަވެސް، ދެން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އަނެއް ޙަޤީޤަތަކީ، ގުދުރަތީ ވަސީލަތްތަކަށް ނުވަތަ ތިމާވެށްޓާއި، އަޅުގަނޑުމެންގެ ވަށައިގެންވާ ވަސީލަތްތަކާއި މި ކަންތައްތަކަށް މިއުޒިއަމްގެ ވެލިއު ދީގެންނެއް ވެސް އަޅުގަނޑުމެންނަކަށް ނޫޅެވޭނެ.'' ޢަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގަހެއް ނުވަތަ ތިމާވެށީގެ ގޮތުން މި ރިޢާޔަތްކުރާ ކަންތައްތަކަކީ އެއްވެސް ގޮތަކަށް އެއިން ފައިދާއެއް ނުވަތަ ބޭނުމެއް ނުކޮށް، ''މިއުޒިއަމެއް ގޮތަށް ރައްކާކޮށްގެން އުޅޭ އެއްޗެއް ކަމަށް ވެސް، އެ އެކްސްޓްރީމަށް ވެސް ހަޤީޤަތުގައި ދެވޭކަށް ނޯންނާނެ'' ކަމަށެވެ.
''އެއީ އަޅުގަނޑުމެން އިންސާނުންނަށް ވެސް ވީތީ، އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކާއި، އަޅުގަނޑުމެން ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ އުފާތަކާއި، މި ހުރިހާ ކަންތަކަށް ވެސް ހުރީމާ. އެހެންނަމަވެސް، އަޅުގަނޑަކީ ހަމަ ޙަޤީޤަތުގައި ވެސް ތިމާވެށްޓަށް ލޯބި ވެސް ކުރާ މީހެއް. އެ މީހެއްގެ ހައިސިއްޔަތުން ހުރެ އަޅުގަނޑު ދަންނަވަންޖެހެނީ އަޅުގަނޑުމެން ނެޓް ޒީރޯއަށް، 2030 ގައި ނެޓް ޒީރޯއަށް އަޅުގަނޑުމެން ހިފާފައި ތިބިއިރުގައި އަޅުގަނޑުމެންނަށް ގޭސް ކިހާވަރަކަށް މަދުކުރެވިދާނެތޯ ކުރިއަށް އޮތް ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ވެސް؟ އަޅުގަނޑުމެން ކެއްކުމަށް ބޭނުންކުރާ ގޭސް އަދި އަޅުގަނޑުމެންގެ ވިޔަފާރިއާއި އިޤުތިޞާދުގައި މިފަދަ ވަސީލަތެއް ގާއިމުކުރެވިއްޖެ ކަމަށް ވާނަމަ، ލިބޭ މަންފާއަށް ވެސް އަޅުގަނޑުމެން ބަލަން އެބަޖެހޭ.'' ޢަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޑރ. ނާޝިދު ފަދަ ބޭފުޅަކު އެކަމުގައި ލަފާދެއްވި ނަމަވެސް ވިސްނާ ބަލަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، މައުލޫމާތު ހިއްސާ ކުރެވުނު މިންވަރާއި، އެކަމުގައި ވަށައިގެން ހުރިކަންކަން ފާހަގަކޮށް މައުލޫމާތު ދެވިފައިވޭތޯ ވެސް ބަލަންޖެހޭނެ ކަމަށެވެ.
''އެހެންވީމާ، މީހަކު ކަމެއްގައި އެޑްވައިސް ނުވަތަ ލަފައެއް ދޭއިރުގައި ދޭނީ އެ މީހަކަށް ދީފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށްފަ. އެހެންވީމާ،
ސަރުކާރުން ނުވަތަ އަޅުގަނޑުމެން އެކަމެއް ކުރަން ބޭނުންނުވާ ކަމަށް ދައްކައިގެން އެ މަޢުލޫމާތު އަރުވައިފި ކަމަށް ވާނަމަ، އެޑްވައިސް އަންނައިރު ވެސް އޮންނާނީ ފާޑަކަށް އޮވެދާނެ ހަމަ. ފުރުޞަތު އެބައޮތް. އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިހާ ފަސޭހައިން އަދި އަޅުގަނޑުމެން ދޫކޮށްލުމަށްވުރެ ފުންކޮށް އަޅުގަނޑުމެން އަދި މިކަމާ ދޭތެރޭގައި ވިސްނަން އެބަ ޖެހޭހެން. އެއީ ޤައުމު މިއޮތް ހާލަތާއި، ވަޒީފާ އުފެއްދުމާއި، އިޤްތިޞާދާއި، މި ހުރިހާ ކަމެއް، އިޤުތިޞާދު މިކިޔާ ސިންދަފާތުކުރަން ނުވަތަ ޑައިވައިސިފައިކުރުމާއި މި ހުރިހާ ކަމަކަށް ވެސް އަޅުގަނޑުމެން
ކޮންމެވެސް ވަރަކަށް ރިޢާޔަތްކުރަން އެބަޖެހޭހެން.'' ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ އެއީ ގޮތެއް ނިންމާއިރު އިތުރަށް ވިސްނާލަންޖެހޭ ކަމެއްކަމަށް ދެކި ވަޑައި ގަންނަވާ ކަމަށެވެ.
ޢަލީ ބަހުސް ކުރެއްވި އެންވަޔަރަންމަންޓް އެންޑް ކްލެއިމޭޓް ޗޭންޖް ކޮމެޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލައަކީ ދިވެހިރާއްޖެއިން 2030ގެ ނިޔަލަށް ކާބަން ނިއުޓްރަލް ވުމަށް އަމާޒުހިފާފައިވާ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ނިންމުމަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭން ކަނޑައެޅި އެ ލަނޑުދަނޑިއަށް ވާސިލުވުމަށް ޓަކައި އިތުރު ގޮންޖެހުމަކަށް ވެދާނެކަމުގެ ކަންބޮޑުވުމާ އެކުގައި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅިގެންދިޔަ މައްސަލައެކެވެ.
އެ ކޮމިޓީ ރިޕޯޓް ބުނާގޮތުން އެކަން ހިނގާފައިވާ ގޮތް ބެލުމަށް ޓަކައި ކޮމިޓީގެ ފަރާތުންވަނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ސުވާލުކޮށް އަދި އިތުރު މަޢުލޫމާތު ހޯދާފައެވެ. މިގޮތުން ކޮމިޓީގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީއާއި، ފެނަކަ ކޯޕަރޭޝަނާއި، ސްޓެލްކޯ އަދި މީގެއިތުރުން ފަރާތަކަށް ނުޖެހޭ ދިވެހިރާއްޖެއާއި، ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާ ވަނީ ބައްދަލުކޮށް މަޢުލޫމާތު ހޯދާފައެވެ.
މިގޮތުން އެ ރިޕޯޓްގައި އެ ކޮމެޓީން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި، އޭ.ޑީ.ބީން ރާއްޖެއަށް އަމާޒުކޮށް އެކުލަވައިލި ރޯޑުމެޕް ފޮރ ދަ އިނަރޖީ ސެކްޓަރ 2020 ޓު 2030 އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއެކު ކުރެވެމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމާއި، ރަސްމީކޮށް ލޯންޗުކުރީ ރައީސުލްޖުމްހޫރިއްޔާ ކާބަން ނިއުޓްރަލް ލަނޑުދަނޑި އިޢުލާންކުރެއްވި ފަހުން ކަމުގައި ވިޔަސް،
އެ ރޯޑުމެޕަކީ އޭ.ޑީ.ބީން އޭގެ ކުރިން އާންމުކޮށްފައިވާ ރިޕޯޓެއް ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ފާހަގަކުރެއްވި ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން ދިވެހިރާއްޖެއިން 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ޓާގެޓް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވުމާ ގުޅިގެން އެ ޓާގެޓް ހާސިލުވާނެ ގޮތަށް ރިޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އޭ.ޑީ.ބީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އެދުނުކަމާއި، އެގޮތަށް އެ ރިޕޯޓް ބަދަލުކުރައްވާނެ ކަމަށް ރިޕޯޓު ލޯންޗުކުރި ދުވަހު އޭ.ޑީ.ބީން މިނިސްޓްރީއަށް އަންގާފައިވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި އެ ރިޕޯޓަކީ ދިވެހިރާއްޖޭގެ ނަމުގައި އޭ.ޑީ.ބީން ލޯންޗުކުރި ރިޕޯޓެއް ނަމަވެސް، އެއީ މިނިސްޓްރީން އެންޑޯސްކޮށްފައިވާ ރިޕޯޓެއް ނޫންކަމާއި، އެ
ގެންނަންޖެހޭ މަސައްކަތް އޭ.ޑީ.ބީއާ ގުޅިގެން ދިވެހި ސަރުކާރުން ކުރައްވަމުންގެންދަވާކަން ފާހަގަ ކުރެވުނު ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!