އަޅާނުލެވި އޮތް 57 ސްކޫލްގެ ތެރޭގައި އަސާސީ ހިދުމަތް ނުލިބޭ ސްކޫލްތައްވެސް ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާތިޔާ ވިދާޅުވީ، ރާއްޖޭގައި ވަރަށް ބޮޑަށް އެހީވާންޖެހޭ ސްކޫލްތައް އެބަހުރި ކަމަށާއި، ހުރިހާ ސްކޫލެއް އޮތީ އެއް ފެންވަރެއްގައި ނޫން ކަމަށެވެ.
އަޅާނުލެވި އޮތް 57 ސްކޫލްގެ ތެރޭގައި އަސާސީ ހިދުމަތް ނުލިބޭ ސްކޫލްތައްވެސް ހިމެނޭ، ޓީޗަރުންނާއި ދަރިވަރުން ބޭނުންކުރާނެ ފާހާނާއެއް ނެތް ސްކޫލްތަކުގެ އިތުރުން ރަނގަޅު ބޯފެން ނުލިބޭ ސްކޫލްތައް ހިމެނޭ، އަދި މިހާރު ތަންފީޒުކުރަމުން އަންނަ މަންހަޖު ރަނގަޅަށް ނޭނގޭ ވެރިންނާއި، ޓީޗަރުން ހިމެނޭ ސްކޫލްތައްވެސް އެބަހުރި، 57 ސްކޫލްގެ ތެރޭގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ނޫން ސްކޫލްތައްވެސް އެބަހުރި. އަދި އެ ސްކޫލްތަކުގައި "އަންޓްރެއިންޑް" ޓީޗަރުންވެސް ހިމެނޭ
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވިއެވެ
ބައެއް ސްކޫލްތަކުގެ ޕްރައިމަރީ ކުދިން ތިބެނީ ސެކަންޑްރީ ފަރުނީޗަރުގައި. އެކުދިން ފަޔެއް ނުފޯރާނެ ބިންމައްޗަކަށް. ޑެސްކުގައި އެލިގަނެގެން މަސައްކަތް ކުރަނީ. ވަރަށް ހާލުގައި އުޅޭކުދިން އެބަތިބި. ފާހާނާއެއް ނެތް ސްކޫލް އެބަހުރި. ކެފޭއަކަށްވެސް ހުއްދަ ދެނީ ފާހާނާއެއް ހުރެގެން. އެކަމަކު އަޅުގަނޑު މިދައްކަނީ އެތައް ކުދިންނެއް ކިޔަވަންދާ ސްކޫލްގެ ވާހަކަ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު އިތުރަށް ސުކޫލްތަކުގެ ހާލަތު ބަޔާންކޮށްދެމުން ވިދާޅުވިއެވެ
ވަރަށް ކުރީއްސުރެ ސްކޫލްތައް ރިވިއު ކުރާ ކަމަށާއި، އެގޮތުން ސްކޫލްތަކަށް މިނިސްޓްރީގެ ބޭފުޅުން ވަޑައިގެން މައްސަލަތައް ފާހަގަކުރާ ކަމަށެވެ. ނަމަވެސް ހެދި ރިވިއުތައް ހުރީ ފައިލްކޮށްފައި ކަމަށާއި، އޭގެ ބޭނުމެއް ނުކުރާ ކަމަށެވެ. އެގޮތުން އާތިޔާ ވިދާޅުވީ މި ސަރުކާރުގައި ހެދި ރިވުއިން ދައްކާ ގޮތުގައި ވަރަށް ދަށުގައި ހުރި 57 ސްކޫލެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ސްކޫލްތަކަކީ އެއްވެސް ވަރަކަށް އަޅާލެވިފައިނުވާ ބާކީވެފައިތިބި ސްކޫލްތަކެއް ކަން އާތިޔާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށް ފުވައްމުލަކު ސިޓީ، މާދަޑު، ހަޒާރުމާގެ އައިޝަތު އާތިޔާ ނަސީރު އައްޔަން ކުރައްވާފައިވަނީ އޮގަސްޓްމަހުގެ ނަވާރަ ވަނަ ދުވަހުއެވެ. އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް އާތިޔާ އަދާކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!