ޔޫރޯ 2020ގެ ކޮލިފިކޭޝަންސްގައި ރޭވެސް ވަނީ ގިނަ މެޗްތަކެއް ކުޅެފައެވެ. ގުރޫޕް ސީގައި ރޭ ކުޅުނު ދެމެޗް ޖަރުމަން އަދި ނެދަލޭންޑްސް ވަނީ ކާމިޔާބުކޮށްފައެވެ.
ޖަރުމަންއިން ނޯތު އަޔަރލެންޑް ބަލިކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ ގޯލްތައް ފެނިގެން ދިޔައީ މެޗްގެ ފަހު ހާފްގައެވެ. މެޗްގެ ފުރަތަމަ ގޯލް 48 ވަނަ މިނިޓްގައި ޖަރުމަނަށް ކާމިޔާބުކޮށްދިނީ ހެލްސްޓެންބާގް އެވެ. ޖަރުމަންގެ ދެވަނަ ގޯލް މެޗްގެ ފަހު މިނިޓްގައި ކާމިޔާބު ކޮށްދިނީ ފާއިތުވި ސީޒަންގައި ބަޔާން މިއުނިކްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސާޖް ގްނޭބްރީ އެވެ.
ރޭ ނޯތުއަޔަލެންޑް ބަލިކޮށް ޖަރުމަން ހޯދި ތިންޕޮއިންޓާއިއެކު ފަސްމެޗްއިން ޖުމްލަ 12 ޕޮއިންޓް ހޯދައިގެން ޖަރުމަން ވަނީ ގުރޫޕް ސީގެ އެއްވަނަޔަށް ޖެހިލާފައެވެ. ރޭ ޖަރުމަން އަތުން ބަލިވި ނޯތް އަޔަލެންޑް ވަނީ ގުރޫޕުގެ ދެވަނަޔަށް ވެއްޓިފައެވެ. ނޯތު އަޔަލެންޑަށްވެސް ފަސްމެޗުން 12 ޕޮއިންޓް ލިބުނު ނަމަވެސް ޖަރުމަނަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ގުރޫޕް ސީގައި ރޭ ކުޅުނު އަނެއްމެޗްއިން ނެދަލެންޑްސް ވަނީ ފަސޭހަކަމާއިއެކު 4-0 އިން އެސްޓޯނިއޯ ބަލިކޮށްފައެވެ. މިމެޗްގެ ފުރަތަމަ ގޯލް 17 ވަނަ މިނިޓްގައި އަދި ދެވަނަ 48 ވަނަ މިނިޓްގައި ކާމިޔާބް ކޮށްދިނީ ރަޔަން ބަބެލް އެވެ. ތިންވަނަ ގޯލް 76 ވަނަ މިނިޓްގައި މެމްފިސް ޑީޕޭ ކާމިޔާބު ކޮށްދިންއިރު މެޗްގެ ފަހުގޯލް ކާމިޔާބްކޮށްދިނީ ޑީޕޭ ތަނަވަސަކޮށްދިން ފުރުސަތަކުުން ވިނަލްޑަމްއެވެ.
ގުރޫޕް ސީގައި ނެދަލެންޑްސް އޮތީ ކުޅުނު ހަތަރު މެޗްއިން ލިބުނު ނުވަ ޕޮއިންޓާއި އެކު ތިންވަނައިގައެވެ. ގުރޫޕްގެ ހަތަރު ވަނައިގައި ފަސް މެޗްއިން 3 ޕޮއިންޓް ހޯދައިގެން ބެލާރުސް އޮތްއިރު ގްރޫޕްގެ ފުލުގައި އެސްޓޯނިއާ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!