ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ ޗައިނާ، ރާއްޖެ އާއި ދެކޮޅަށް ނިކުންނައިރު އެއްވެސް ބަހަނާއެއް ނެތް ކަމަށާއި ބޭނުންވަނީ މި މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށް ޗައިނާގެ ކޯޗް މާސެލޯ ލިއްޕީ ބުނެފި އެވެ.
މިއީ މި ފަހަރުގެ ކޮލިފައިންގައި ޗައިނާ ކުޅޭ ފުރަތަމަ މެޗް އަދި މިއީ ވަރަށް މުހިންމު މެޗެއް. އަހަރުމެންގެ މިއޮތީ ވަރަށް ބޮޑު އަމާޒެއް ކަނޑައަޅާފަ އެއީ، ކޮލިފައިންގެ އަނެއް ބުރަށް ދިއުން. އެހެންކަމުން އެކަން ހާސިލުކުރުމަށް މެޗުން މޮޅުވެ ޕޮއިންޓްތަކެއް ހޯދަން އެބަޖެހޭ. އަހަރުމެން ވިސްނަނީ އިދިކޮޅަށް ނިކުންނަ ޓީމަކަށް ނޫން. މެޗުން ތިން ޕޮއިންޓް ލިބޭނެ ގޮތަކަށް.
2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިން ކޯޗް ބުންޏެވެ.
"ރާއްޖޭގެ މޫސުމާއި ގޮނޑުދޮށުގެ ވާޙަތަކާއި ދަނޑުގެ ހާލަތުގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން. ދަނޑުގެ ވިނަގަނޑު ރަނގަޅު ލައިޓިންގެ މައްސަލައެއް ނެތް. އެއްވެސް ޝަކުވާއެއް ނެތް. ބޭނުންވަނީ މާދަމާގެ މެޗުން ތިން ޕޮއިންޓް."
ޗައިނާގެ ގުއަންޗޯގައި އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކާއި ގުޅޭ ގޮތުން މޯލްޑިވްސްފުޓްބޯލް އިން ކުރި ސުވާލަށް ޖަވާބު ދެމުން ލިއްޕީ ބުނީ އެއީ ވަރަށް މުހިންމު އަދި ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.
"އެއީ ވަރަށް ހިތްހަމަޖެހޭ ޓްރޭނިން ސެޝަންތަކެއް އަހަރެންނަށްވެސް އަދި ކުޅުންތެރިންނަށްވެސް. ޓީމުގެ ހުރިހާ ކުޅުންތެރިން ޓީމާއި ގުޅިފައިވަނީ މީގެ ހަފްތާއެއް ކުރިން އެ ކުޅުންތެރިންގެ ކްލަބްތައް ޗައިނާގެ ލީގުގައި ކުޅެންޖެހުމުގެ ސަބަބުން. ނަމަވެސް ޓީމު މިއޮތީ ރަގަޅު ހާލަތެއްގައި." ތަޖުރިބާކާރު ކޯޗް ލިއްޕީ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ މެޗަށް ޗައިނާގެ 1200 އެއްހާ ސަޕޯޓަރުން ދަނޑަަށް ވަންނާނެއެވެ. އަދި މަޖީދީ މަގުގެ ސިޑިބަރި ޗައިނާގެ ސަޕޯޓަރުންނަށް ހާއްސަ ކުރެވިފައިވާއިރު ޗައިނާގެ ގުއަންޗޯ އެވަރގްރޭންޑް އިން ވަނީ ޗައިނާގެ ވަރަށް ގިނަ ސަޕޯޓަރުން ސްޕޮންސަރ ކޮށްފަ އެވެ.
ރާއްޖެ އާއި ޗައިނާ ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8 ޖަހާއިރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!