އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ، ގޯތި ދޫކުރި ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފިއެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން 10 އޯގަސްޓް 2016 ގައި ކޮށްފައިވާ އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށައަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞާތު ހުޅުވާލައިފިއެވެ. މިހެން މިކަންކުރީ މިނިސްޓްރީ އޮފް ހައިސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން އިހަވަންދޫ ކައުންސިލަށް ލަފާ ދެއްވާފައިވާތީކަމަށް އެކައުންސިލުން ބުނެއެވެ.

Ad
rt

10 އަހަރަށް ފަހު އިވަންދޫ ކައުންސިލުން ގޯތި ދޫކުރުމަށް ހުޅުވާލާފައިވަނީ 2016 ވަނައަހަރުއެވެ. އެފަހަރު ހުޅުވާލާފައިވަނީ 100 ގޯތި ދޫކުރުމަށެވެ. އެއިރު ގޯތި ހޯދުމަށް އެދި 400 އަށްވުރެ ގިނަމީހުން ވަނީ ފޯމުހުށައަޅާފައެވެ. އެ ގޯތިތަކަށް ހޮވުނު މީހުންނަށް، މިދިޔަ އަހަރު ވަނީ އެކަމުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ. މިފަހަރު ދޫކުރަން ހަމަޖެހިފައިވަނީ 200 ގޯއްޗެވެ.

ހއ. އިހަވަންދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް 14 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި ގޯއްޗަށް އެދޭ ފޯމު ދޫކުރަން ހަމަ ޖެހިފައިވަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 10:00 ން މެންދުރު 12:00 އާ ދެމެދުއެވެ. ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ މެންދުރު 12:00 ން 14:00 އަށް ކަމަށް އެއިދާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

އިހަވަންދޫއިން ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ޕްރީ ސްކޫލު ގޯތީގެ ހުޅަނގުނގު މަގާއި އިރުމަތީ މަގާއި ހަވީރީ ހިނގުމާއި ދެމެދުން ޕްރީ ސްކޫލް ގޯތީގެ އުތުރުން، ރާދަ ހިނގުމާއި ދެމެދު ސަރަހައްދުން ނެގޭ ގޯތި ތަކާއި، މުތީ ގޯޅީގެ ހުޅަނގުން ނޫރާނީ މަގުގެދެކުނުން ކަތީބުކަލޭފާނު މަގުގެ އިރުން އޮތް ބިމުން ނެގޭ ގޯތިތަކާއި އަދި ކަތީބު ކަލޭފާނު މަގުގެ ހުޅަނގުން ނޫރާނީ މަގުގެ ދެކުނުން އޮތް ސަރަހައްދުން ޖުމުލަ 40 ފޫޓު * 40 ފޫޓުގެ 200 (ދުއިސައްތަ) ގޯއްޗެވެ.

ގޯއްޗަށް އެދޭ މީހުންގައި ހުންނަން ޖެހޭ ޝަރުޠު ހަމަވެގެން ގޯއްޗަށް އެދިފައިވާ މީހުންގެ އަދަދު، ގޯތި ދޫ ކުރުމަށް ހަމަ ޖެހިފައިވާ އަދަދަށް ވުރެ އިތުރު ވާނަމަ، ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ކަނޑަ އަޅާނީ ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި އެމީހަކަށް ޝަރްޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި ނުވަތަ އޮވެ، އެގޯއްޗަކާމެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކޮށްގެން ކަމަށް އެއިދާރާއިން ބުނެއެވެ.

ގޯތި ދިނުމާއި ބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދިނުމުގެ ގަވައިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީ އިންކަމަށް އެކައުންސިލުން ހާމަކޮށްފައިވެއެވެ. އިހަވަންދޫއަކީ 3،400 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.