އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސަރޓިފިކޭޝަން ސްޓެލްކޯއިންހާސިލްކޮށްފި އެވެ.
މި ސިސްޓަމަށް ސްޓެލްކޯ ސަރޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެމަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑަޑެވެ.
އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއްފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކެކެވެ. މި ސްޓެންޑެޑަށް ސަރޓިފައިކޮށްދެނީ އެ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.
ސްޓެލްކޯއިން ބުނީ މިހާރު އެކުންފުނީގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުން ކަރަންޓު އުފެއްދުމާއި، ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތާއި، ކަރަންޓުގެ ހިދުމަތްދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި، ފެން އުފެއްދުމާއި، ފުޅީގައި ފެން ބަންދުކުރުމާއި، ނަރުދަމާއާއި، ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ސޯލާޕެނަލް ހަރުކުރުމާއި، ވިއްކުން އައިއެސްއޯގެ 9001:2015 މިންގަނޑަށް ސަރޓިފައިކޮށްދީފައިވާ ކަމަށެވެ. އަދި މިއާއެކު، މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި، ޕްރޮސެސްތައް އަދި ހިދުމަތްތައް ސަރޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު ލިބުނީވެސް އެ ކުންފުންޏަށްކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑުކާމިޔާބީއެއް ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރެވި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށްގެންދެވިފައިވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެން މި ހޯދީ. ހާއްސަކޮށް، މުޅި ކުންފުނީގެ ހުރިހާކަމެއް، ކުންފުނީގެ އެތެރޭގައި ގެންގުޅޭ އުސޫލުތަކާއި، ރައްޔިތުންނަށް ހިދުމަތްދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި، އަދި މިނޫނަސް މުޅި ކުންފުނި އެކީ އެކައްޗަކަށް މުޅި ދުނިޔެ ބަލައިގަންނަ ބައިނަލްއަގުވާމީ ސްޓެންޑެޑަކަށް ގެންދެވުމަކީއަޅުގަނޑުމެން އެންމެން ފަހުރުވެރިވާންޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް" މުޣުނީ ވިދާޅުވިއެވެ.
ސްޓެލްކޯ އައިއެސްއޯ ސްޓެންޑެޑަށް ސަރޓިފައި ކުރެވިފައިވާއިރު، އެ ކުންފުނިން ވަނީ ފާއިތުވެދިޔަ ދެއަހަރުތެރޭ ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއްވެސް ހޯދާފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި، ޕަބްލިކް އެންޓަޕްރައިޒް އޮފް ދަ އިޔަރގެ އެވޯޑް ލިބިފައިވާއިރު މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔަރބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯ އާއި، ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްވެސް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.
މީގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީއަށްވެސް ވަނީ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އިމާޖިން ލީޑާރ އޮފް ދަ އިޔަރ އެވޯޑްލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!