ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެ ވަނައަށް ބާސެލޯނާއިން ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ބާސާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ކެޕްޓަން ލައިނަލް މެސީއެވެ. މެސީ މި ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބު ކުރިއިރު، މިއީ އޭނާ ބާސާއަށް ކާމިޔާބު ކޮށްދިން 49 ވަނަ ހިލޭޖެހުމެވެ. މި ލަނޑާއިއެކު މެސީ ބާސެލޯނާއަށް ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދު ވަނީ 650 އަށް އަރާފައެވެ.

ބާސާއިން ދެވަނަ ހާފަށް ނުކުމެފައިވަނީ އެއް ލަނޑުގެ ލީޑަކާއި އެކުއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ބާސާގެ ޑިފެންޑަރ ޖޯޑި އަލަބާގެ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު މެޗުގެ ނަތީޖާ ހަމަހަމަވި ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި ބާސާގެ ފްރާންސް ފޯވާޑް ގްރިޒްމަން ލަނޑުޖަހައި މެޗުން ތިން ޕޮއިންޓް ބާސާއަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

ލީގުގެ ފުރަތަމަ ކޮޅުގައި ބާސާގެ ފަރާތުން ދަށް ނަތީޖާތަކެއް ފެނިގެންދިޔަ ނަމަވެސް އެ ޓީމުން މިހާރު އަންނަނީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު ދިހަ މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ ދެ މެޗު ވަނީ އެއްވަރު ކޮށްފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބާސެލޯނާއަށް ވެސް 40 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ދެވަނަ ބާސާއަށް ލިބެނީ ގޯލުގެ ތަފާތުންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ އެ ޓީމް ލީގުގައި ކުޅުނު 19 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ބިލްބާއޯ އޮތީ 20 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު ތާވަލުގެ 11 ވަނާގައެވެ.