ށ. ބިލެތްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އިއްޔެ ފަށައިފިއެވެ.
އެ ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރ ބޭރު ތޮށި ހެދުމާއި، 98 މީޓަރ އެއްގަމު ތޮށި ހެދުމާއި އަދި 05 މޫރިން ބުލޮކް ލުމާއި، އަދި 11 ބަނދަރު ބައްތި ހަރުކޮށް، 2 ނެރުބައްތި ހަރުކުރާނެއެވެ.
މީގެއިތުރުން 1150 ސްކެއަރ މީޓަރ ޕޭވްމަންޓެއް ހެދުމާއި، 14325 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއިން ޖެހުން ހިމެނެއެވެ. މި މަޝްރޫޢަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.
އެ ކުންފުނިން ވަނީ އެ ކުންފުނީގެ 40 އަހަރުގެ ތާރީޚުގައި މިހާތަނަށް މާލީ އަހަރެއްގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ، ހުސްވި 2020 ވަނަ އަހަރު ހޯދާފައެވެ. މިގޮތުން އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން، ސާފު ފައިދާގެ ގޮތުގައި 62.85 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ.
ހުސްވި 2020 ވަނަ އަހަރު ޖުމްލަ 34 އުމްރާނީ ތަރައްޤީ މަޝްރޫއެއްގެ އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. އެ ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއް ވެސް ހިންގާފައިވާއިރު، އެ ކުންފުނިން މަޝްރޫޢުތައް ހިނގަމުންދިޔަ ރައްރަށުގެ މުޖުތަމައުތަކަށް ވެސް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!