އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް އެ ޓީމުން ޖެހިލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ވެސްޓް ބްރޯމްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މުޅި މެޗުގައި ވެސް ސިޓީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި 74 އިންސައްތަ ބޯލް ޕޮޒިޝަން އެ ޓީމުން ހިފެހެއްޓިއިރު ވެސްޓް ބްރޯމްގެ ގޯލާއި އަމާޒުކޮށް އެ ޓީމުން ވަނީ ޖުމްލަ ހަތް ހަމަލާއެއް ފޮނުވާލާފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ސިޓީން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު އެ ޓީމްގެ ޕޯޗުގަލް ޑިފެންޑަރ ކެންސެލޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހަވަނަ މިނޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނު މިޑްފީލްޑަރ ގުންޑަގާންއެވެ. ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ބާނާޑޯ ސިލްވަ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ކެންސެލޯއެވެ. ތިނަވަނަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ގުންޑަގާންއެވެ. އެ ޓީމުން ކާމިޔާބު ކުރި ހަތަރުވަނަ ލަނޑު ފުރަތަމަ ހާފު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ ރަހީމް ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމްގެ އަލްޖީރިއާ މިޑްފީލްޑަރ މަހްރޭޒްއެވެ.

ދެވަނަ ހާފުގައި ސިޓީން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ 57 ވަނަ މިނެޓުގައި ރަހީމް ސްޓާލިންއެވެ. ސްޓާލިން މި ލަނޑު ކާމިޔާބު ކޮށްފައިވަނީ މަހްރޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މި މެޗުން މޮޅުވުމުން ސިޓީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް ލިބިފައިވަނީ 19 މެޗުން 41 ޕޮއިންޓެވެ. ދެވަނާގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 19 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި ވެސްޓް ބްރޯމް، އެ ޓީމް ލީގުގައި ކުޅުނު 20 މެޗުން ލިބުނު 11 ޕޮއިންޓާއިއެކު މިވަގުތު އޮތީ 19 ވަނާގައެވެ.