2020 ވަނަ އަހަރަކީ. ހަމަ ޤައިމުވެސް ދުނިޔޭގެ ފަހުގެ ތާރީޚެއްގައި ހަނދާނުން ފޮހެވިގެން ނުދާނޭ އަހަރެކެވެ. ދުނިޔެ މިވަގުތު ދެކެމުންމިދާ ކޯވިޑް-19 ގެ ބަލިމަޑުކަމަކީ، ފަހުގެ ތާރީޚެއްގައި ދުނިޔެއެއްކޮށްހެން ހުއްޓުމަކަށް ގެނައި ވަބާއެކެވެ. މި އަހަރަކީ، ދުނިޔެއެއްކޮށްހެން "ބަންދުވެގެން" ނިމިގެންދާ އަހަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ނަމަވެސް، މި ބަލިމަޑުކަމުގެ އިތުރުން، މި އަހަރުތެރޭގައި ތަފާތު އެތަކެއް ކަންތައްތަކެއް ހިނގައި އަޅުގަނޑުމެންގެ ލޯމަތިން ކައްސާލައިގެން ވަނީ ގޮސްފައެވެ. މި ލިޔުމުގައި ބަލާލާނީ މި ފަދަ އާދަޔާ ޚިލާފު ބައެއް ކަންތައްތަކަށެވެ.
އުޑުގައިވާ ތަރިއެއް ގެއްލުން
ސައިންސްވެރިން ވޭތުވެދިޔަ 20 އަހަރު ތެރޭގައި ދިރާސާ ކުރަމުން ދިޔަ އުޑުގައިވާ ތަރިއެއް ވީނުވީއެއް ނޭނގި ވަނީ މި އަހަރުގެ ތެރޭގައި ގެއްލިފައެވެ. މި ތަރި އަކީ ދުނިޔެއާއި 75 މިލިއަން ލައިޓް އިޔާރސް ދުރުގައިވާ ތަރިއެއް ކަމަށްވެސް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. އަދި މިއީ ތަރިއެއް ބްލެކް ހޯލްއަކަށް ނުގެއްލި، ވީނުވީ އެއް ނޭނގި ގެއްލުނު ފުރަތަމަ ފަހަރު ކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.
ވާނުވާ ނޭނގޭ ޑްރޯންތަކެއް ނެބްރާސްކާ އަދި ކޮލަރާޑޯ މަތިން ދަތުރުކުރުން
ގޮތްނޭނގޭ ޑްރޯންތަކެއް ނެބްރާސްކާ އަދި ކޮލަރާޑޯ މަތިން ދަތުރު ކުރާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅެމުންދާ ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި ހާދިސާ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހިނގާފައިވާ އިރު، ނިޔު ޔޯކް ޕޯސްޓުން ބުނެފައިވާ ގޮތުގައި، ގިނަ ބަޔަކު ބުނެފައިވަނީ، މި ޑްރޯންތަކުގެ ބޮޑު މިން އާދައިގެ ކާރެއްވަރު ވާ ކަމަށެވެ.
ކޯވިޑް ސާމްޕަލްތަކެއް ރާމާމަކުނެއް ވަގަށް ނެގުން
އިންޑިޔާގެ އުއްތަރް ޕްރަދޭޝްގެ ސަރުކާރު ބޮޑު ހޮސްޕިޓަލަކުން ކޯވިޑް-19 ގެ ސާމްޕަލް ތަކެއް ނަގައިގެން އައި ލެބް ޓެކްނީޝަނަކަށް ރާމާމަކުނެއް ވަނީ ހަމަލާދީ މި ސާމްޕަލްތައް ފޭރިގަނެފައެވެ. މި ހާދިސާގައި މި ރާމާމަކުނު ވަނީ ކޮވިޑް-19 ގެ ބަލި ހުރި 3 ފަރާތެއްގެ ލޭގެ ސާމްޕަލް ފޭރިގަނެފައެވެ. އަދި މި ހާދިސާއަށް ފަހު މި ކަން ހިނގާ ދިޔަ ސަރަހައްދުގައި މި ރާމާމަކުނުގެ ވީޑިޔޯވެސް ވަނީ މީސް މީޑިޔާގައި ދައުރުވެފައެވެ.
ޕޯލެންޑްއިން "އޮޅިގެން" ޗެކް ރިޕަބްލިކަށް އެރުން
އޮޅިގެން އެއް ޤައުމު އަނެއް ޤައުމަށް އެރުމަކީ އެހާ ގިނައިން އަޅުގަނޑުމެންގެ ކަންފަތަށް އިވޭ ކަހަލަ ވާހަކައެއް ނޫނެވެ. މި އަހަރުގެ ތެރޭގައި ޕޯލެންޑްގެ ސިފައިން، އޮޅިގެން ވަނީ ޗެކް ރިޕަބްލިކްގެ ބަޔަކަށް އަރައި އެ ސަރަހައްދު ޕެޓްރޯލުކޮށްފައެވެ. އަދި މި ސިފައިން ވަނީ ބަޔަކު ނަޞާރާ ދީނުގެ އަޅުކަން ކުރާ ފައްޅިއަކަށް ވަނުންވެސް މަނާކޮށްފައެވެ. އަދި މި ސަރަހައްދަކީ ޗެކް ރިޕަބްލިކްގެ ސަރަހައްދެއްކަން އިނގުމާއި އެކު ޕޯލެންޑްގެ ސިފައިން ވަނީ މި ސަރަހައްދު ދޫކޮށް ގޮސްފައެެވެ. އަދި މިކަމަށް ޗެކް ރިޕަބްލިކްގެ ފަރާތުން ވަނީ މަޢާފަށްވެސް އެދިފައެވެ.
ނާސާއިން ދުނިޔެއާއި ދިމާލަށް އައި ގިނިހިލަ ތަކެއްގެ ސަބަބުން އިންޒާރު ދިނުން
ދުނިޔެއާއި ދިމާލަށް ދަތުރުކުރަމުން އައި ގިނިހިލަ ތަކެއްގެ ސަބަބުން ނާސާއިން ވަނީ މި ހިނގާ އަހަރުގެ ތެރޭގައި އިންޒާރުދީފައެވެ. މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ނާސާއިން ވަނީ މި ކަމަކަށް އިންޒާރުދީ ދުނިޔެއިން މި ގިނި ހިލަތަކަށް ސަމާލުވެ ސަލާމަތީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ނަަމަވެސް ފަހުން މި ގިނި ހިލަތަކުގެ މިސްރާބު ބަދަލުވެ، ދުނިޔެއާއި ދުރަށް ވަނީ ދަތުރުކުރަން ފަށާފައެވެ، މިކަން ނާސާއިން ވަނީ މިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައި އިޢުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!