ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސްފިއެވެ.

އެބަދަލުތައް ގެނައިކަން އެޗްޕީއޭއިން ހާމަކުރަށްވާފައިވަނީ އެ އެޖެންސީއިން އާންމު ކުރި ޢިއުލާނެއްގައެވެ.

Ad
rt

މިގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސީ.އާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެއް އަހަރުން ދަށުގެ ކުޑަކުދިން މިކަމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުން 96 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓަކާއެކު ދަތުރުކުރަން ކަނޑައަޅާފައި އޮތް އޮތުމަށް ޢަމަލުކުރަން ފަށާނީ 2020 ޑިސެންބަރު 20 ވަނަ ދުވަހުން ފެށިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި މި މުއްދަތުގެ ކުރިން ރާއްޖެއިން ބޭރުން މާލެ ސަރަޙައްދަށް ދަތުރުކުރާ ފަރާތްތަކުން ޕީ.ސީ.އާރު ހަދައި ނަތީޖާ ލިބެންދެން ގޭގައި ކަރަންޓީނުގައި ތިބެންވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ނަމަވެސް ޕީ.ސީ.އާރު ނެގެޓިވް ނަތީޖާ ގެންނަ ފަރާތްތަކުން ގޭގައި ކަރަންޓީނުވާން ނުޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން މިއަދު އާންމު ކުރި ޢިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެއަށް) އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް 10 ދުވަހުގެ
މުއްދަތަށް ގޭގައިވެސް މާސްކު އަޅައިގެން އުޅުމާއި ގޭގައި އެކަހެރިވެ ތިބުން އެދެވިގެން ވާކަމަށް އެޗްޕީއޭއިން ބުންޏެވެ. ނަމަވެސް މިގޮތަށް ރާއްޖެއިން ބޭރުން އައިސް ރަށްރަށަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެއަށް) އަންނަ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ޓެސްޓްހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން އާންމުކުރެއްވި އިތުރު ބަދަލުތައް:

ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ލިބިގެން ކުރުމުއްދަތުގެ މަސައްކަތްތަކަށް ރިޒޯޓުތަކަށް ދަތުރުކުރާ
ފަރާތްތަކާއި ލޯކަލް ޓުއަރިސްޓުންގެ ގޮތުގައި ރިޒޯޓުތަކަށް ޗުއްޓީއަށް ދަތުރުކުރާ ފަރާތަކުން ދަތުރަށް ފަށާއިރު
72 (ހަތްދިހަ ދޭއް) ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއަކާއެކު ދަތުރުކުރުން. މިގޮތަށް ރިޒޯޓުތަކަށް ދަތުރުކުރާ
ފަރާތްތަކަށް ހުރުމާއި ކެއުމުގެ ކަންކަން ރިޒޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ވަކިން ހަމަޖެހިފައިހުރުމާއި،
އެ އެޖެންސީން ކަނޑައަޅާފައިވާ ގައިޑްލައިންއާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް ޢަމަލުތައް ބެހެއްޓުން.
ކުރުމުއްދަތުގެ މަސައްކަތްތަކަށް ރިޒޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓުއަރިސްޓުންގެ ގޮތުގައި ރިޒޯޓުތަކަށް
ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ފަރާތްތަކުން މާލެ ޞަރައްޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެއަށް) ފިޔަވައި އެހެން
ރަށްރަށަށް ދަތުރުކުރާނަމަ ކަޑައެޅިފައިވާ އުސޫލުގެ ދަށުން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން.
މި އިޢުލާން ޢާންމުކުރާއިރު ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެއަށް)
ކަރަންޓީނުވެފައި ތިބި ފަރާތްތައް ޕީ.ސީ.އާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓީވް ވެއްޖެނަމަ ކުރަންޓީނުން ދޫކޮށްލެވޭނެއެވެ. އަދި މި ފަރާތްތަކުގެ ޓެސްޓް ހެދުމުގެ އިންތިޒާމު ހަމަޖައްސައި މިއެޖެންސީން އެ ފަރާތްތަކަށް އަންގަމުން ދާނެއެވެ.
އެންމެ ފަހުން އެޗްޕީއޭއިން ފިޔަވަޅުތަކަށް ބަދަލުގެންނެވިކަން އަންގާފައިވާ ޢިއުލާނުގައި ބަޔާންކޮށްފައިވާ ކުރުމުއްދަތުގެ ދަތުރުތަކަށް މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތަކަށް ޕީސީ.އާރު ޓެސްޓް ހެދުމަށް ކަނޑައަޅާފައި އޮތް އޮތުން ހުއްޓައިލުން. އަދި މި ބަދަލާއެކު ކުރު މުއްދަތަށް އެކި ބޭނުންތަކަށް އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން، އެފަރާތްތަކުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންއާ ޚިލާފަށް ޢަމަލުކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަނެއްކާވެސް އެޗްޕީއޭއިން ބަދަލު ގެނެސްފައިވާއިރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

އެޗްޕީއޭއިން އަންނަނީ ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ރިއާއަތްކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެންނަމުންނެވެ.