ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން އައްޔަންކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ނެގި ވޯޓުގައި، އެބޭފުޅުން ފަނޑިޔާރުކަމަށް އައްޔަން ކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވޯޓު ދެއްވައިފިއެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަޣުލަބިއްޔަތުން އަޒްމިރަލްދާއާއި ޝުޖޫން ފަނޑިޔާރުކަމަށް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމެވިއިރު، ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ މޮސްޓާ އެކަންޏެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާވެސް އެއް މެންބަރަކު އިންނެވިއެވެ.

Ad
rt

މެންބަރު މޮސްޓާ ވަނީ، އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމާ ދެކޮޅަށް މީގެ ކުރުން މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ. ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު މެންބަރު ވިދާޅުވެފައިވަނީ ފަނޑިޔާރުކަމަށް އަންހެން އައްޔަން ކުރުމަކީ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފު ކަމެއްކަމުގައެވެ. އަދި އިސްލާމް ދީނަކީ ރާއްޖޭގެ ޤާނޫނު އަސާސީގެ މައިގަނޑު މަސްދަރުކަމުގައިވީ ހިނދު، މި މަސްދަރާ ފުށުއަރާ އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، ފަތުވާ މަޖިލީހުގެ ނިންމެވުމަށް ރިއާޔަތްކޮށް، އަންހެނުންނަށް ފަނޑިޔާރުކަން ހަވާލު ކުރެވޭ މީހާއާއި ހަވާލު ކުރާ މީހާވެސް ފާފަވެރިވާނެކަމަށް ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ބޮޑެތި ބަހުސްތަކެއް ކުރެވިފައިވެއެވެ. އެގޮތުން، މިއީ ނުކުރެވޭނެ ކަމެއްކަމަށް ގިނަ އަދަދެއްގެ ޝައިޚުން ވިދާޅުވެފައިވެއެވެ.

މީގެކުރިން އަޒްމިރަލްދާ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ޝުޖޫން ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.