ޠާލިބާންއާއެކު ވެވޭ އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންގެ ފަސް ހާސް މީހުން އަފްޣާނިސްތާނުން ފައިބާނެކަމަށް އެމެރިކާއިން ބުނަފިއެވެ.
އެމެރިކާއިން މިހެން ބުނެފައި ވަނީ އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތް ޠާލިބާންއާ އެމެރިކާއާ ދެމެދު އެއްބަސްވެވިފައިވާ ބައެއް ކަންތައް އެމެރިކާއިން ހާމަކުރަމުންނެވެ. މި ތަފްސީލުތައް ހާމަކޮށްފައި ވަނީ އެމެރިކާއާ ޠާލިބާނުންނާ ދެމެދު އެއްބަސްވުމަކަށް އާދެވުނު ކަންކަމުގެ ތަފްސީލު އަފްޣާނިސްތާނުގެ ރައީސު އަޝްރަފް ޣަނީއަށް ދިނުމަށް ފަހު ނޫސަވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
އެމެރިކާގެ އިސް މަންދޫބު ޒަލްމާއި ޚާލިދްޒާދް ވިދާޅުވީ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރާތާ 135 ދުވަހުގެ ތެރޭގައި އެމެރިކާ ސިފައިންގެ 5400 މީހުން އަފްޣާނިސްތާނުގެ ފަސް އަސްކަރީ މަރުކަޒަކުން ފައިބާނެ ކަމަށެވެ.
މި އެއްބަސްވުމާ ގުޅިފައިވާ ކަންކަމުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން މަދުކުރުމާއި، ފުޅާ ދާއިރާއެއްގައި އަމާންކަން ދެމެހެއްޓުމަށް ޠާލިބާން ޖަމާއަތުން ޖާމިނުވުމާއި، އަފްޣާނިސްތާނު ސަރުކާރާއި ޠާލިބާން ޖަމާއަތާ ދެމެދު މަޝްވަރާތައް ފެށުމަށް މަގުފަހިކޮށް، ދާއިމީ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުން ހިމެނެއެވެ.
އެމެރިކާގެ ސިފައިގެ 14 ހާސް މީހުންނާއި، އެމެރިކާގެ ބައިވެރިން ކަމުގައިވާ ނޭޓޯގެ ގައުމުތަކުގެ ސިފައިންގެ 17 ހާސް މީހުން 'ހަނގުރާމަ ނުކުރާ ހާލަތުގައި' އަފްޣާނިސްތާނުގައި ތިބެއެވެ. މިކަމާއި ގުޅޭގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ ޠާލިބާންއާއެކު ވެވޭ އެއްބަސްވުމަށް ފަހުވެސް އެމެރިކާ ސިފައިންގެ 8600 މީހުން އަފްޣާނިސްތާނުގައި ތިބޭނެ ކަމުގައެވެ. ސުލްހައިގެ އެއްބަސްވުމާމެދު އެންމެ ފަހުގެ ނިންމުން ނިންމަވާނީ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!