ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް 1 ވަނަ އިސްލާޙް ގެނައުމުގެ ގާނޫނު އުވާލުމުގެ ގާނޫނު އިއްޔެ މަޖިލިސްއިން ފާސްނުވުމުން، ވަޢުދުވެފައި ވަޢުދު ފުއްދޭނީ ދެން މިހާކަންވަރަށް ވިދާޅުވެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

އެ ބިލަކީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވިއްވި ބިލެކެވެ.

Ad
rt

އެ ބަލުގެ މަސައްކަތް ލަސްވެ، އެ ބިލު މަޖިލިސްގައި ޕާކުކޮށްފައި ބާއްވާތީވެސް އުޝާމް ވަނީ ކުރިން ފާޑު ވިދާޅުވެފައެވެ. މިގޮތުން މިއަހަރުގެ ޖުލައިމަހުގެ 20 ވަނަ ދުވަހު އޭނާ ވިދާޅުވީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހް ބާތިލްކުރުމަށް މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުގައި ޕާކްކޮށްފައި އޮންނަތާ 1 އަހަރުވަނީ ކަމަށެވެ. އަދި ކަންކަން ރަގަޅުކުރުމުގެ އިހްލާސްތެރި ނިޔަތެއް ނެތުނީމައި ''މިކަހަލަ ހުރިހާ ކަމެއްވެސްވާނެ'' ކަމަށެވެ.

މަޖިލިސްގައި އެ ބިލު އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން އިއްޔެވަނީ އެ ބިލުގެ ކޮމެޓީ ރިޕޯޓަށް މަޖިލިސް ތަޅުމުގައި ވޯޓަށް އަހާފައެވެ. މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ ބިލުނިންމައި، މަޖިލިސް ތަޅުމަށް ފޮނުވިއިރު ވަނީ އިސްލާހުތަކެއް ވެސް ހިމަނައިފަ އެވެ.

އޭގެ ތެރޭގައި، ހުއްދަ ނެގުމަކާ ނުލައި، ކުއްލި ކަމަކާ ގުޅިގެން އެކަމަކަށް 48 ގަޑިއިރު ފާއިތުނުވަނީސް އެއްވުމަށް ޖާގަ ދިނުމާއި، ރިސޯޓުތަކުގައި އެ ރިސޯޓެއްގެ މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދެއްގައި މުޒާހަރާ ކުރެވޭ ގޮތަށް ހަދައި ދިނުން ހިމެނެ އެވެ.

އިއްޔެ އެބިލަށް ތަޅުމުގައި އިސްލާހް ހުށަހެޅުމަށް ދެވުނު ވަގުތުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމް ވަނީ އެބިލަށް އިތުރު އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރެއިން ''ރިސޯޓު މުވައްޒަފުން އެމީހުން މަސައްކަތްކުރާ ތަނުގައި ހަމަހިމޭން އިހުތިޖާޖެއް ކުރެވިދާނެ'' ކަމަށް ހުށަހެޅުއްވި އިސްލާހްވެސް ހިމެނެއެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ތާއީދު ކުރެއްވި އެ އިސްލާހް ފާސްކުރަން ވޯޓު ދެއްވީ 14 މެންބަރުންނެވެ. އިސްލާހް ފާސްކުރަން 19 ވޯޓު ބޭނުންވެއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އެބިލު މަޖިލިސް ތަޅުމުން ފެއިލް ކޮށްލައި، އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެކަމަށް އިޝާރާތް ކުރައްވައި އުޝާމް ވިދާޅުވީ، ''ވެރިކަމަށް އައުމުގެ ކުރިން ވީ ވަޢުދަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހް ބާތިލްކުރުން.'' ކަމަށެވެ.

''އެ އިސްލާހު ބާތިލްކުރުމަށް މިއަދު ވޯޓަށް އެހުމުން އެކަން ފާހެއްނުވި. ވަޢުދުވެފައި ވަޢުދު ފުއްދޭނީ ދެން މިހާކަންވަރަށް.''

އުޝާމް ވިދާޅުވިއެވެ.

އިއްޔެ އެބިލުގެ ކޮމެޓީ ރިޕޯޓަށް އިސްލާހު ހުށަހަޅައި، މަޖިލިސްގައި އެ މަސައްކަތް ހިނގަމުން ދިޔަ ވަގުތު މަޖިލިސް ތަޅުމުން ކެނޑި ނޭޅި ހަޅޭކުގެ އަޑު އިވެމުން ދިޔައެވެ.

ހަލަބޮލި ކަމުގެ ތެރޭގައި ވޯޓަށް އެހި، އެ ބިލުގެ ކޮމިޓީގެ ރިޕޯޓު ފާސްކުރަން 25 މެންބަރުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެއާއެކު އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ބުނެ އަނބުރާ ކޮމިޓީއަށް ފޮނުވާލަން، 56 މެމްބަރުން ވަނީ ތާއީދުކޮށްފައި އެވެ.