އިތުބާރުގެ މައްސަލަ ވައްދާނަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށް، އެމައްސަލަ ހުށަހަޅާ ލިޔުމުގައި ލިޔުން ރަނގަޅުވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީޙް މިހެން ވިދާޅުވީ، ''މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގާ ހުންނެވި މަލީހު ޖަމާލުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފިން'' ކަމަށް ވިދާޅުވެ، އެމްޑީޕީ ޕީޖީ ގްރޫޕަށް އެމައްސަލަ ހުށަހެޅި ލިޔުމާއިއެކު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

Ad
rt

ގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 10 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ރޭގެ ވަގުތެއްގައި ހުށަހެޅުއްވި އެމައްސަލައިގައި ބުނެފައިވަނީ ޓެލެކޮމިއުނިކޭޝަން ގާނޫނުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމުކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، އެ ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރު މަލީހު ހަދާފައި ނުވާ ކަމަށެވެ.

އަދި އެ ގާނޫނުން ހެދުމަށް ލާޒިމުކުރާ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އެ ގަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރު މަލީހުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސްއަޅާފައިވާކަން ސާފުވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

އެކަމަށް ރައްދުދެއްވައި މިނިސްޓަރު މަލީޙް ކުރެއްވި ޓުވީޓުގައި ވަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއޭއެމް)ގެ މެންޑޭޓާއި، އޮނިގަނޑުވެސް ހިއްސާ ކުރަށްވާފަ އެވެ.

''ތިޔަ ހަވާލާ ދެވިފައިވާ ޤާނޫނު ނުބައިކޮށް ޝަރަހަަ ތިޔަ ކުރަށްވަނީ، އެކަން އިސްލާހް ކޮށްލަށްވާ، ތިޔަ މައްސަލަ ވައްދާނަމަ ވައްދަނީ މިނިސްޓަރު ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤެއް ވީޓީވީގެ ޕްރޮގްރާމެއްގައި ބޭނުން ކުރީމައި ކަމަށް ލިޔުނީމަ ރަނގަޅުވާނެ، ކޮމިއުނިޔުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ހިންގާގޮތް އޮޅުންފިލުވާ''

މިނިސްޓަރު މަލީޙް ވިދާޅުވިއެވެ.

މިނިސްޓަރު މަލީޙް އިޝާރާތް ކުރަށްވާފައިވާ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއަކީ ''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން'' ބަޔާންކޮށްފައިވާ މާއްދާއެވެ. އެމާއްދާގައި ''މިނިވަން ކަމާއިއެކު ފިކުރު ކުރުމާއި އިސްލާމް ދީނާއި ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެމީހަކަށްމެ ލިބިގެންވެއެވެ.''

އެމްޑީޕީގެ ޕީޖީއަށް ހުށަހެޅި މިނިސްޓަރު މަލީޙްގެ އިތުބާރުގެ މައްސަލަގައި އިތުރަށް ބުނެފައި ވަނީ މިނިސްޓަރު އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި މުހައްމަދު މަލީހު ޖަމާލް އިތުރަށް ބެހެއްޓުމަކީ އެ ޕާޓީގެ އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދެމުންދާތީ މިނިސްޓާ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން އޭނާ ވަކިކުރަން ހުށަހަޅާ ކަމަށެވެ.

މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިމިވަނީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް މަލީހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މަލީހުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ އަމާޒުކޮށްފައެވެ.