ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ތާރީޚީ އޮޕަރޭޝަނެއް މިއަދު ކޮށްފިއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިއަދު ކުރެވިގެން ދިޔައީ ފައިގެ ކަކުލުން ތިރީގެ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ފިބިޔުލާ ކަށިގަނޑު ވަނީ އޮޕަރޭޝަންކޮށްފައެވެ.
އެ ހޮސްޕިޓަލުން ޢާންމު ކުރި މަޢުލޫމާތަށް ބަލާއިރު، އެ ހޮސްޕިޓަލުގެ އޯރތޮޕީޑިކް ޓީމް އަދި އޮޕަރޭޝަން ޓީމުން ވަނީ ފިބިޔުލާ އޮޕަރޭޝަންކޮށް ސިންޑެސްމޯސިސް ހަދާފައެވެ. ސިންޑެސްމޯސިސްއަކީ ޓިބިއާ އަދި ފިބިޔުލާ ފަދަ ދެ ކަށި ހަށިގަނޑުގެ ޓިޝޫއިން ގުޅާލުމެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ މި އޮޕަރޭޝަން ކޮށްފައިވަނީ ޑރ. ގޮޑާ އެލް ބަންނާ އަދި ޑރ. އަހުމަދު އަދްލީއެވެ. މި ޑޮކްޓަރުންނަށް އޮޕްރޭޝަން ކުރުމުގައި އެހީތެރިވެފައިވަނީ ކްލިނިކަލް ނަރުސް މަރިޔަމް ގާސިމް، ސީނިއަރ ރެޖިސްޓަރޑް ނަރުސް ހުރުމާ އަބްދުލް ރަހްމާން، ރެޖިސްޓަރޑް ނަރުސް ޝިފާނާ މުހައްމަދު، އައިޖީއެމްއެޗްގެ ރެޖިސްޓަރޑް ނަރުސް ފާތުމަތު އަލީ އެވެ.
މިއީ މި ހޮސްޕިޓަލުން އިންޓާރނަލް ފިކްސޭޝަން އޮޕަރޭޝަންއެއް ކުރި ފުރަތަމަ ފަހަރެވެ. އަދި އެ ހޮސްޕިޓަލުންވަނީ މި އޮޕަރޭޝަން އަކީ ކާމިޔާބު އޮޕަރޭޝަންއެއް ކަމަށް ބުނެފައެވެ. އަދި އޮޕަރޭޝަންއަށްފަހު ބަލިމީހާ މިހާރު ގެއަށް ދޫކޮށްލާފައިވާނޭ ކަމަށްވެސް އެ ހޮސްޕިޓަލުންވަނީ މަޢުލޫމާތު ދީފައެވެ.
މި ފުރުޞަތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވަނީ މި ހޮސްޕިޓަލުގައި މި ފަދަ އޮޕަރޭޝަނެއް ކުރިއަށް ގޮސް، އެ އޮޕަރޭޝަން ކާމިޔާބުވީތީ އެ އޮޕަރޭޝަން ކުރި ޓީމަށް މަރުޙަބާ ކިޔާފައެވެ. އަދި މިއީ ގިނަ އައު ޚިދުމަތް ތަކަށް ހުޅުވިގެންދާނޭ ދޮރެއް ކަމުގައި އެ ހޮސްޕިޓަލުން ވަނީ ސިފަކޮށްފައެވެ.
ފަހަކަށް އައިސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުން ނެވެ. އެގޮތުން މިއަހަރުގެ ޖޫން މަހު ވަނީ އެހިސްޕިޓަލުން ކުރި އޮޕަރޭޝަނެއްގައި ކާމިޔާބުކަމާއިއެކު ބޮޑު ސިސްޓްއެއް ނަގާފަ އެވެ. އަދި މޭ މަހުގެ ފަހުކޮޅު އެހޮސްޕިޓަލުގެ އެންއައިސީޔޫގައި 28 ހަފްތާގެ ކުއްޖަކަށް ފަރުވާދީ ވަނީ ސަލާމަތްކޮށްފަ އެވެ. މިއީ މިހާތަނަށް އެންމެ ހަގުކޮށް އެހޮސްޕިޓަލުގައި ވިހެއުމަށް ފަހު ވެންޓިލޭޓަރުގައި ފަރުވާ ދެވުނު ކުއްޖާކަން ފާހަގަ ކޮށްލެވެ އެވެ. އާންމު ގޮތެއްގައި ދުވަސް ނުފުރާ ވިހަން ޖެހިއްޖެ ނަމަ ގިނަ މީހުން ދަތުރު ކުރަނީ މާލެއަށެވެ.
https://thiladhun.wonstasite.com/32660
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ މައި ހޮސްޕިޓަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!