ބޮޑު ތިލަދުންމައްޗަކީ އެންމެ އިހުޒަމާނުގައި 13 އަތޮޅަކަށް ރާއްޖެ ބަހާފައި އޮތް އިރު، މަލިކު އަތޮޅާ ޖެހިގެން ރާއްޖޭގެ އެންމެ އުތުރަށްވާ އަތޮޅެވެ. މި 13 ބަޔަކީ ޤުދުރަތީ ގޮތުން ރާއްޖޭގެ ރަށްތަށް އުފެދިފައިވާ ގޮތަށާއި މީހުން އާބާދުވެފައިވާ ގޮތަށް ބަލައި ބަހާފައިވާ ބައިތަކެކެވެ. ހަމައެކަނި ޤުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާނަމަ މިއަށްވުރެ ކުދި ބައިތަކަށް އަތޮޅުތައް ބެހެއެވެ. ޖުމްލަކޮށް 26 ބަޔަކަށް ޤުދުރަތީ ގޮތުން އުފެދިފައިވާ އަތޮޅުތައް ބެހިގެންވެއެވެ.

ޤުދުރަތީގޮތުން އަތޮޅަކީ ކޮބައިތޯ ބަލާއިރު، "އަތޮޅު" މާނަކުރެވޭގޮތަށް ބަލައިލުން މުހިއްމެވެ. އިނގިރޭސި ބަހުގައި "އެޓޯލް" މިލަފްޒުވެސް ނެގިފައިވަނީ ދިވެހި ބަހުގައި ކިޔާ "އަތޮޅު" މި ލަފްޒުންނެވެ. އިނގިރޭސި ބަހުގައި "އެޓޯލް" މި ލަފްޒު ބޭނުންކުރުން އާއްމުވެގެން ދިޔައީ މަޝްހޫރު ސައިންސްވެރިޔާ ޗާލްސް ޑާވިން، ފަރުތަކުގެ އުފެދުމާއި ގުޅޭގޮތުން ލިޔެފައިވާ "ދަ ސްޓްރަކްޗަރ އެންޑް ޑިސްޓްރިބިއުޝަން އޮފް ކޮރަލް ރީފްސް" މިފޮތުގައި "އެޓޯލް" މި ލަފްޒު ބޭނުންކުރުމާ ގުޅިގެންނެވެ. މި ފޮތުގައި "އެޓޯލް" މާނަކޮށްފައިވަނީ މެދުގައި ފަޅެއް އޮންނަ ގޮތަށް ވަށްބުރުގެ ބައްޓަމަށް އުފެދިފައިވާ ފަރުތަކަށެވެ. މިއީ ދިވެހީންވެސް ޤުދުރަތީގޮތުން އަތޮޅު މާނަކުރާ ގޮތެވެ.

Ad
rt

މިގޮތަށް ވަށައިގެން ފަރުތައް އުފެދިފައި ހުންނަ އިރު އެފަރުތަކުގެ މަތީގައި ރަށްތައް ހިކިފައި ހުރެއެވެ. ވަށައިގެންވާ ފަރުތަކުގެ އެތެރޭގައި ފުންވެފައި އޮންނަ ކަނޑުގެ ސަރަޙައްދަށް ކިޔަނީ އެތެރެވަރިއެވެ. އެތެރެވަރިއާ ވީފަޅިއަށް ގިނަ ރަށްތަކުގައި ތުނޑިލާފައި އޮވެއެވެ. އަދި ބޮޑެތި ރަށްތަކުގައި ފަޅު ހެދިފައި އޮންނަނީވެސް އެތެރެވަރިއާ ވީ ފަޅިއަށެވެ. އަތޮޅުން ބޭރަށް އޮންނަ ފަޅީގައި ވަށައިގެން ފުއްޓަރު ލެވިފައިވެއެވެ. ބޮޑު ތިލަދުންމަތި ސަރަޙައްދުގައި ރާއްޖޭގެ ދެކުނާއި އަޅާބަލާއިރު ފުއްޓަރު ކުޑަވެފައި ކަނޑުއޮޅި ރަށްތަކާ ކައިރިއެވެ. ބޮޑެތި ރާޅުތައް ބިންދަނީ ފުއްޓަރު ފަރާތަށެވެ. ސަބަބަކީ އަތޮޅުން ބޭރަށް އޮންނަ ކެނޑުން އެތެރެވަރިއާއި އަޅާ ބަލާއިރު މާބޮޑަށް ފުންވުމެވެ. ރާއްޖޭގައި ނަންދެވިފައިވާ ކަނޑުތަކަކީ މިގޮތަށް ދެއަތޮޅެއްގެ ދެމެދުގައި ފުންވެފައި އޮންނަ ސަރަޙައްދުތަކެވެ.

ބޮޑު ތިލަދުންމަތީގައި ޤުދުރަތީ ގޮތުން އުފެދިފައިވާ ތިން އަތޮޅެއް ވެއެވެ. އެންމެ އުތުރުގައި ވަނީ އިހަވަންދިއްޕޮޅެވެ. އިހަވަންދިއްޕޮޅަކީ މިހާރުގެ ގޮތުން ބަލާނަމަ ހއ ގެ ރަށްތަކުގެ ތެރެއިން ހުޅަނގު އުތުރަށް ވާގޮތަށް އުފެދިފައިވާ ބުރުގައި ހިމެނޭ ރަށްތަކުގެ މައްޗަށް އެކުލެވޭ އަތޮޅެވެ. މިއީ ދިގުމިނުގައި 15 މޭލު ހުންނަ އަތޮޅެކެވެ. ދިގުކޮށް ހެދިފައިވާ ބޮޑެތި މުރަކައިގެ ފަރުތައް އުފެދިފައިވަނީ ހުޅަނގު ބިތުގައެވެ. އިރުމަތީގެ ރޮނގުގައި ފަރުތަށް ކުދިވެފައި ބޭރު ކަނޑަށް ވަނީ ހުޅުވާލެވިފައެވެ. އިހަވަންދިއްޕޮޅަށް ނިސްބަތްވާ ހއ ގެ މީހުން އުޅޭ ރަށްތަކަކީ، ތުރާކުނު، އުލިގަން، މުޅަދޫ، ހޯރަފުށި އަދި އިހަވަންދޫއެވެ. އިހަވަންދިއްޕޮޅާއި ތިލަދުންމަތީގެ އެހެން ރަށްތަކުގެ މެދުގައިވަނީ ގައްލަންދޫ ކަނޑެވެ. މިއީ މާ ފުންނޫން ކަނޑެކެވެ. ގައްލަންދޫ ކަނޑުގެ ދެކުނުގައި އިހަވަންދިއްޕޮޅާ އެންމެ ކައިރިއަށް އޮތް ރަށަކީ ހއ. މާރަންދޫއެވެ.

ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ޤުދުރަތީ ތިން އަތޮޅުގެ ތެރެއިން އެންމެ ހުޅަނގަށް ވާގޮތަށް އޮތް، އެހެން އަތޮޅުތަކާ އަޅާކިޔާއިރު ރަށް މަދު އަތޮޅެއް ވެއެވެ. އެއީ މާމަކުނުދޫ އަތޮޅެވެ. މިއަތޮޅުގެ ދިގުމިނުގައި 17 މޭލު ހުރި ނަމަވެސް ފުޅާމިން 4 މޭލަށް ވުރެ ހަންޏެވެ. މީހުން ދިރިއުޅޭ ރަށަކަށް އޮތީ ހަމައެކަނި މަކުނުދޫއެވެ. ނިސްބަތުން ކުޑަ ތިން ފަޅުރަށްވެސް މިއަތޮޅުގައި ވެއެވެ. މާމަކުނުދޫ އަތޮޅާއި ތިލަދުންމަތީގެ އެހެން ރަށްތަކާއި ދެމެދުގައިވާ ކަނޑު ފުނެވެ. ޗާޓުތަކުން ދައްކާގޮތުގައި މިކަނޑުގެ ބައެއް ހިސާބުތައް 500 މީޓަރަށްވުރެ ފުންވެއެވެ.

ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ދެންހުރި ހުރިހާ ރަށެއް އުފެދިފައިވަނީ ދިގު އެއްބުރަށް ވާގޮތަށް އުފެދިފައި އޮތް ތިލަދުންމައްޗާއި މިލަދުންމަޑުލު އަތޮޅުގައެވެ. ޤުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާއިރު ތިލަދުންމައްޗާއި މިލަދުންމަޑުލު އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅެވެ. ރާއްޖޭގެ އަތޮޅުތަކަކީ ދުނިޔޭގެ އެހެން ހިސާބުތަކުން ފެންނަ އަތޮޅުތަކަށްވުރެ ބޮޑެތި އަތޮޅުތަކަށްވާއިރު، މިއަތޮޅު ވާނީ ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު އެއް އަތޮޅަށެވެ. މިތާނގެ ދިގުމިނުގައި 91 މޭލު ހުރެއެވެ. އަދި ފުޅާމިނުގައި ބައެއް ހިސާބުތަކުގައި 20 މޭލު ހުރެއެވެ. އަތޮޅުގެ ބޮޑުމިނާއި އެތެރެވަރީގެ ފުންމިނާއި ގުޅިފައިވާއިރު މިއީ އެތެރެވަރި އެންމެ ފުން އަތޮޅެވެ. ބައެއް ހިސާބުތައް 250 މީޓަރަށްވުރެ ފުންވާކަމަށް ކަނޑުގެ ފުންމިން ދައްކުވައިދޭ ޗާޓުތަކުން އެނގެއެވެ. Openseamap.org

ތިލަދުންމައްޗާއި މިލަދުންމަޑުލު ޤުދުރަތީ ގޮތުން އެއް އަތޮޅަކަށް ވަނީ ދިގު އެއްބުރުގެ ވަށައިގެން ދެއަތޮޅުގެ ރަށްތަށް އުފެދިފައިވާތީއެވެ. މި ސަރަޙައްދުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައި ފެންނަ ގޮތަށް ވަށައިގެން ދިގު ފަރުތަކެއް އޮތުމުގެ ބަދަލުގައި ވަނީ ހުޅުވާލެވިފައެވެ. އަދި އެތެރެވަރީގައި ކުދި ރަށްތަކާއި ފަރުތައް ގިނައެވެ. މިރަށްތަށް ފެށިފައިވަނީ އެންމެ އުތުރުން ހއ. ކެލާއިން ފެށިގެންނެވެ. މިބުރުގެ އެންމެ ދެކުނަށް އޮތީ ފަޅު ދެރަށް ކަމައްވާ ނ. ރާފުއްޓާއި ނ. ކަނޑޫދޫއެވެ. މި ދިގު އަތޮޅުގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ރަށްތައް ނިމެނީ ދެކުނުން ހދ. މާވައިދޫއާ ހިސާބަށެވެ. މިއަތޮޅުގެ އެންމެ އުތުރުގައި ހުރި ބައެއް ރަށްތަށް ބޮޑެތިވެފައި އެތެރޭގައި ބޮޑެތި ފަޅުތައް ލާފައިވުމުން ކުދި އަތޮޅުތަކެއް ފަދައެވެ. ފިއްލަދޫ، ކެލާ، ވަށަފަރު ހިމެނޭ ތިން ސަރަޙައްދަކީ ހާއްސަގޮތެއްގައި ފާހަގަ ކޮށްލެވޭ ބޮޑެތި ފަޅުތައް އޮތް ކުދި އަތޮޅުތައްފަދަ ސަރަޙައްދުތަކެވެ.

ތިލަދުން | Thiladhunއެންމެ ބޮޑު ތަބީއީ އަތޮޅަކީ ބޮޑު ތިލަދުންމަތިއަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަޔަކު އެކަންކަމަށް އެހާބޮޑަށް ނުވިސްނާ ބައެއް ކަންކަން އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވާ އެއް ބޭފުޅަކީ “ނާޖިޙު ދީދީ”އެވެ. އާދ...

ކުރު ގޮތަކަށް މި ބަލައިލެވުނީ ބޮޑު ތިލަދުންމަތި ޤުދުރަތީ ގޮތުން ހެދިފައިވާ ގޮތަށެވެ. އިދާރީ ގޮތުން ހއ އަދި ހދ ގެ ނަންދެވިފައިވާ ދެއަތޮޅަކީ އިދާރީ ބޭނުމަށް ވަކިނަން ދެވިފައިވާ ދެއަތޮޅަށް ވީނަމަވެސް ޤުދުރަތީ ގޮތުން ކައިރީގައިވާ އަދި ތާރީޚި ގޮތުން ބަލާއިރުވެސް ގުޅުން ބަދަހި ރަށްތަކެކެވެ.