ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް" ކަމަށާއި އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާ ބައްދަލު ކުރުމުން ރަށްރަށުގައި އެއާޕޯޓް އަޅައިދޭން އެދެމުން ދާތީ ނަޝީދު ވަނީ ކުރިން ވެސް އެކަންކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރަނގަޅު ފެރީގެ ނިޒާމަކާއި ރާއްޖެއާ ގުޅޭ ތަރައްގީތައް ގެނައުން މާ މުހިންމު ކަމަށް ވިދާޅުވެ އެވެ.

Ad
rt

ހުޅުމާލޭ ހުރަވީ ސްކޫލުގައި އެމްޑީޕީން ފެށި ޒުވާންގެ ކޮންފަރެންސްގައި ނަސޭހަތެއް ދެއްވުމަށް ނަޝީދު ވިދާޅުވީ އެއްކައިރީގައި އެއާޕޯޓެއް އަޅާލާފައި، ރަށްރަށް ހިއްކާލާފައި، މާރީތި ކުރެހުމެއް ކުރަހާލާފައި އޮންނަ ކުރެހުމަކީ ތަރައްގީއެއް ނޫން ކަމަށާއި އެއީ ބޮޑު އޮޅުމެއް ކަމަށެވެ. އަދި ގިނަ މީހުން މިހާރު ގެންގުޅޭ ރަށު ތަރައްގީގެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ތަރައްގީއަކީ އަޅާ އިމާރާތްތަކެއް ނޫން ކަމަށް ބުނެ މިސާލެއްގެ ގޮތުން ނަޝީދު ދެއްކެވީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުޅުލޭގައި އެޅުއްވި އެއާޕޯޓެވެ. އޭރު މާލޭގެ ބައެއް އިސް ބޭފުޅުން އެ އެއާޕޯޓް މާލޭގައި އަޅަން ނާސިރަށް ލަފާ ދެއްވި ކަމަށާއި އޭރު މާލޭގައި ބިން ވެސް އޮތް ކަމަށް ވިދާޅުވި އެވެ. އަދި އެ ލަފަޔާ އެގޮތަށް ނާސިރު އަމަލު ކުރެއްވި ނަމަ މިއަދުގެ ހާލަތާ މެދު ވިސްނާލުމަށް ނަޝީދު އެދިވަޑައިގަތެވެ.

"ތަރައްގީއަކީ ތިމާޔަށް ވާ ގޮތެއް، ތިމާޔަށް އަންނަ ބަދަލެއް. އެއީ ބޮޑު ހިލަ ބަނދަރެއް ނޫން. އެއީ ރަށުގެ އެއްކައިރީގައި އޮންނަ އެއާޕޯޓެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގިނަގުނަ ވަސީލަތްތައް އެބަހުރި ކަމަށާއި ތަރައްގީގެ ނަމުގައި އެ ވަސީލަތްތައް ހަލާކު ނުކުރުމަށް ގޮވާލާ ކަމަށެވެ