އިއްޔެ އަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ހިތާމަވެރި ކަޅު ދުވަހެކެވެ. ހދ. ހަނިމާދޫ ކައިރިއަށް، އެ އަތޮޅު ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހުން މި ދުނިޔެއާ ވަކިވެގެން ދިޔަ ހާދިސާ އިން ދިވެހިން ރޮއްވާލިއެވެ. ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ.

ލޯންޗު ބަންޑުން ޖަހާލުމައެކު، ކަނޑުވި މީހުން ހޯދައި، އެމީހުން ހަނިމާދޫ ސިއްހީ މަރުކަޒާ ހަމައަށް ގެންގޮސްދިނީ އެމްއެންޑީއެފާއި ފުލުހުންނާއި އާންމުންގެ އެހީގަ އެވެ. މި މީޙުން ރަށަށް އެރުވުމާއެކު ހަނިމާދޫގެ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ރައްޔިތުންނަށްވެސް ސިހުން ގެނުވިއެވެ. ސިހުމާއެކުވެސް ހަނިމާދޫ ރައްޔިތުން ވަނީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ އެއްބައިވަންތަ، އެކުވެރި، ހިތްހެޔޮ، އެހީތެރި، އޯގާތެރި ބައެއްކަން ހަނދާންކޮށް ދީފައެވެ. ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީއްސުރެ، މަރުވި މީހުންގެ ޖަނާޒާ ނިމެންދެން ކެތްތެރިކަމާ އެކު އުޅުނެވެ.

Ad
rt

އެ ހާލަތުގައި ހަލުވިކަމާއެކު ހަނިމާދޫ ރައްޔިތުންގެ އެހީތެރިކަން ނުދެއްވިމަނަ އިތުރު މީހުންގެ ފުރާނަ ގެއްލުމުގެ ފުރުސަތު އޮތެވެ. ހާދިސާގެ ހަބަރު ލިބުމުން ސިއްހީ މަރުކަޒުގެ މުވައްޒަފުން ނުކުތީ ދެވެން ހުރި އެންމެ މަތީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އަޒުމުގަ އެވެ. އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ސިއްހީ މަރުކަޒަކުން ފަރުވާދެވޭނެ އެންމެ ފުރިހަމަ އަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވަނީ ދީފައެވެ.

މި ހާދިސާ ހިނގުމާއެކު ނޮޅިވަރަންފަރުން ހަނިމާދޫ އަށް ދިޔަ އެތައް ބަޔަކު ވަނީ ހަނިމާދޫގެ ރައްޔިތުން ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ކޮށްފައެވެ. އެގޮތުން އެތަނުން މީހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އުޅެވުނީ އަމިއްލަ ރަށުގައި ނޫންކަމުގެ އިހްސާސް ނުވާހާ ގާތުން، އެދުނު ހުރިހާ އެދުމެއް ހަނިމާދޫ ރައްޔިތުން ފުއްދައިދިން ކަމަށެވެ. އޭނާ ވަނީ ހަނިމާދޫ ކައުންސިލައި ޒުވާނުން ބެހެއްޓި ގާތް ގުޅުން ފާހަގަކޮށް ޝުކުރު އަދާ ކޮށްފައެވެ.

މަރުވި ފަސް މީހުންގެ ޖަނާޒާ އޮތީ ރޭ ދަންވަރު ދޭއް ޖެހި އިރު އެވެ. އެހާ ލަސް ވަގުތެއްގައި ހަނިމާދު އާއި ނޮޅިވަރަންފަރުގެ އެތައް ސަތޭކަ ބަޔަކު ނިދި ނަގާލުމަށް ފަހު އެ ޖަނާޒާގައި ބައިވެރިވި އެވެ. މިއީ އެރަށުގައި ފަހުގެ ތާރީހެއްގައި ކުރި އެންމެ ބޮޑު ކަށު ނަމާދު ކަމަށް ވެއެވެ.