ހދ. ކުޅުދުއްފުށީ ޕޯޓްގައި ފާރަގެމަ (ކޭ9 ކުއްތާ ސްކޮޑް) ބޭނުންކުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ބުނެފިއެވެ.
"ތިލަދުން" އަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، އުތުރުގެ ޕޮލިސް ޑިވިޝަންތަކުން ޕޯޓުގެ ސެކިޔުރިޓީ ވަރުގަދަ ކުރުމަށް ފާރަގެމަ ބޭނުންކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފަކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި، މި ޓީމުން ދާނީ މި ޕޯޓުގެ ސެކިޔުރިޓީއަށް އެހީތެރިކަން ފޯރުކޮށްދެމުންކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މި ޓީމުގެ އެހީތެރިކަން ޢާންމު ފުލުހުންނަށް ދިނުމަށް ނިންމަވާފައިވަނީ، އިންޑިޔާ އާއި، ކޮޗިންއާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމާއިއެކުކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި، ޕޯޓަށް ވަންނަ މުދާ އިތުރުވުމާއި އެކު، މި ސަރަހައްދުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް، ފާރަގެމަ ބޭނުންކުރާނެކަމަށެވެ.
އިންޑިޔާގެ ކޮޗިންއާއިން އާއި ކުޅުދޫއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވާއިރު އާންމު ފަރާތްތަކުން އެރަށަށް ގެނެސްފައިވާ 2 ކޮންޓެއިނަރ ކުލިއަރ ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މިކޮންޓެއިނަރތައް ބަލާ ފާސް ކުރުމުގައި 3 ކުއްތާ ބޭނުންކޮށްފައި ވެއެވެ. އާންމު ފަރާތް ތަކުން ކާގޯ ފެރީގައި ގެނައި 2 ކޮންޓެއިނަރއިން އެއް ކޮންޓެއިންރގައި ހުރީ 1000 ބަސްތާ ގެރި ގުއި އެވެ. ދެވަނަ ކޮންޓެއިނަރގައި ހުރީ ބޮނބި ކުނޑިއާއި ގަސްކާނާގެ ބާވަތްތައްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން އަންނަނީ ދޭތެރެ ދޭތެރެއިން މާލެއާއި އެހެން ޕޯޓް ތަކުގައިވެސް ފާރަ ގެމަ ބޭނުން ކުރަމުން ނެވެ. އެގޮތުން މިމަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައިވެސް ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފަ އެވެ.
ކޭ9 ކުއްތާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ދުނިޔޭގެ ގިނަ ޤައުމުތަކަކުން ފުލުހުންނަށް އެހީތެރިވުމަށް ގެންގުޅޭ ކުއްތާތަކަށް ކިޔާ ނަމެކެވެ. މި ކުއްތާތަކަކީ، ޚާއްސަ ފަރިތަކުރުންތަކެއް ލިބިފައިވާ، މަސްތުވާތަކެތި، ގޮވާ ޒާތުގެ ތަކެތި، އަދި އެހެނިހެން ތަކެތި އަތުލައިގަތުމަށް ޚާއްސަ ކުއްތާތަކެކެވެ. މިކުއްތާތައް ތާއްޖެ ގެނެސްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!